އެތައް ވަޢުދުތަކެއް ޙަގީގަތަކަށް ވެގެންދާތަން ރާއްޖޭގެ އެކި ސަރަޙައްދުތަކުން މިއަދު ފެންނަމުންދޭ: ނައިބުރައީސް
2 ފެބްރުއަރީ 2026 - 17:28

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެތައް ވަޢުދުތަކެއް ޙަގީގަތަކަށް ވެގެންދާތަން ރާއްޖޭގެ އެކި ސަރަޙައްދުތަކުން މިއަދު ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ގދ. ފިޔޯރީގައި ތަރައްގީކުރާ މަސްދަޅު ބަންދުކުރާ ކާރުޚާނާގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބުރައީސް ވިދާޅުވީ ރައްޔިތުންނަށް އެކި ދާއިރާތަކުން ވެވަޑައިގެންނެވި ތަރައްގީއާއި ގުޅުންހުރި އެތައް ވަޢުދުތަކެއް ހަގީގަތަކަށް ވެގެންދާތަން ރާއްޖޭގެ އެކި ސަރަޙައްދުތަކުން މިއަދު ފެންނަމުންދާކަމަށެވެ.
ނައިބުރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް އިސްކަންދެއްވައިގެން ރިޔާސީ ވަޢުދުތަކެއް މެނިފެސްޓޯގައި ހިމެނުއްވީ އިޤްތިޞާދު ސިންދަފާތުކުރުމަށް ރައީސް ގެންގުޅުއްވާ ޙިކުމަތްތެރި ވިސްނުންފުޅާއެކު ކަމަށެވެ.
ނައިބުރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މަސްވެރިންނާއި، އޮޑިވެރިންނާއި އެދާއިރާގައި މަސައްކަތް ކުރަމުންދިޔަ ޒުވާނުންގެ ޝަކުވާތައް ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާ އަޑުއެއްސެވިކަމަށެވެ. އަދި އެތައް ޒަމާނެއް ވަންދެން ކުރިމަތިވަމުންދިޔަ ކަންކަމަށް އިސްކަންދެއްވާ ރިޔާސީ ވަޢުދުފުޅުތަކެއްގެ ގޮތުގައި ކަނޑައަޅުއްވާ މަސައްކަތް ބައްޓަން ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ސަރުކާރާއި ހަވާލުވީއިރު ރާއްޖޭގެ ޙާލަތު އޮތީ ތަސައްވުރުކުރިގޮތަށްވުރެ ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ކަމަށް ނައިބުރައީސް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަންޖެހުނީ އަނދަވަޅަކަށް ވެއްޓިފައި އޮތް ރާއްޖޭގެ އިޤްތިޞާދު ނަގާ ހަމަމަގަށް އަލުން ގެނައުމަށްކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވީނަމަވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަމަށް ނައިބުރައީސް ވިދާޅުވިއެވެ. ނައިބުރައީސް ވިދާޅުވީ ކޯވިޑާއެކު އެނގިގެންދިޔަ އެންމެ ބޮޑު ޙަގީގަތަކީ އަދުގެ ދުނިޔޭގައި ހަމައެކަނި އެއްދާއިރާއަށް އިޤްތިޞާދު ބަރޯސާނުވެވޭނެކަންކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަނީ އިޤްތިޞާދު ސިންދަފާތުކުރުމަށްކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation


