"އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ރައީސް ތަޤުރީރުކުރައްވައިފި
08 އޮކްޓޯބަރު 2024 - 02:42
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ތަޤުރީރުކުރައްވައިފިއެވެ.
އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ވެރިރަށް ނިއުދިއްލީގައި ބޭއްވި މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤުރީރުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި އިންޑިއާ އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަމިއްލަ ވިޔަފާރީގެ ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ މުހިއްންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާއިރު، އިޤްތިޞާދީ އިސްލާޙަށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އެޖެންޑާވެސް ހާމަކުރެއްވިއެވެ.
އެ އެޖެންޑާގެ އަމާޒުތަކަކީ، ފަތުރުވެރިކަމުގެ އިތުރުން، މާލީ ޚިދުމަތްތަކާއި، މެރިޓައިމް ސިނާޢަތާއި، ޑިޖިޓަލް އިޤްތިޞާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިޤްތިޞާދު ސިންދަފާތުކުރުމެވެ. ރާއްޖޭގެ މަދަނިއްޔަތަށް އެދެވޭ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި ތަރައްޤީކުރާ އިކޯ ސިޓީ، ރަސްމާލެއަކީވެސް މި އެޖެންޑާގައި ހިމަނޭ މަސައްކަތެކެވެ.
މި ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، 2030 ވަނަ އަހަރު އަންނަން ވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިޤްތިޞާދުންކަމުގައި ހެއްދެވުމަށްޓަކައި، ޑިޖިޓަލް ދާއިރާ ކުރިއަރައިދިއުން މުހިންމުކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިޔާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތައަށް ހެދުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.