ފެނާއި ނަރުދަމާ ނިޒާމުގެ ގައުމީ ސިޔާސަތު އިފުތިތާހުކޮށްފި
5 ފެބްރުއަރީ 2026 - 05:45

"ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ"ގެ ނަމުގައި ގައުމީ ސިޔާސަތެއް އެކުލަވައިލައި އިފުތިތާހުކޮށްފިއެވެ.
މި ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ރައްކާތެރި ސާފު ފެން އަދި އެކަށީގެންވާ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށާއި، މި ދާއިރާ ތަރައްގީކޮށް ކުރިއަރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށައެޅި ސިޔާސަތެކެވެ.

Ad by Hajj Corporation
މި ސިޔާސަތު އިފްތިތާހު ކޮށްދެއްވާފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގު އިބްރާހީމެވެ.
އެ ވުޒާރާއިން ބުނީ ގައުމީ ފެނާ ނަރުދަމާގެ ސިޔާސަތަކީ ރާއްޖޭގެ ފެނުގެވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ފެނާއިނަރުދަމާގެ ހިދުމަތްތައް މުޅި ރާއްޖޭގައި ތަރައްގީކުރުމަށް މަގުދައްކައިދޭނެ އޮނިގަނޑެއް ކަމަށެވެ.
އަދި މި ސިޔާސަތުގެ ދަށުން،ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި، ގުދުރަތީ މީރުފެން ރައްކާތެރިކުރުމާއި، އައުއީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން،ދިރާސާކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި އަދި އާންމުން ހޭލުންތެރިކުރުން ފަދަ މުހިންމު ދާއިރާތަކަށް ހާއްސަ އިސްކަމެއް ދެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތަކީ ޒަރޫރީ ޚިދުމަތަކަށް ވާއިރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މި ޚިދުމަތްތައް ކަށަވަރުކުރުމަށް ސަރުކާރުތަކުން ވަނީ ގިނަ މަސްއަކަތްތަކެއްކޮށްފައެވެ. އަދި މިސަރުކާރުން ވެސް އަންނަނީ ގިނަ މަޝްރޫއުތަކެއް ޕްލޭންކޮށް، ބައެއް ރަށްރަށުގައި މިހާރު ތަންފީޒުވެސް ކުރަމުންނެވެ.


