މިހާރު ރާއްޖެއަށް އެތެރެވާ ކޮންމެ ޕެކޭޖެއް އަންނާނީ ސްކޭން ކުރެވިގެން : ވަޒީރު އިހްސާން
8 ފެބްރުއަރީ 2026 - 12:15

ކަސްޓަމްސްގެ ބުރަ މަސައްކަތުން މިހާރު ރާއްޖެއަށް އެތެރެވާ ކޮންމެ ޕެކޭޖެއް އަންނާނީ ސްކޭން ކުރެވިގެން ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޚްސާން ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާނާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށާއި، މީގެ ކުރިން ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރާ ޕެކޭޖުތައް ރެންޑަމް ސްކްރީނިން ހެދިނަމަވެސް މިއަދު ހުރިހާ ޕެކޭޖެއް ސްކޭންކުރާ ކަމަށެވެ.

Ad by Hajj Corporation
މީގެ ކުރިން ކަސްޓަމްސްގަ އެ ކެޕޭސިޓީ ނެތުމުން އެކަން ކުރަން އުނދަގޫވެފަ ތިބީ. މިއަދު ކަސްޓަމްސްގަ އެ ވަސީލަތްތައް ހޯދަދީ މިކަން ކުރެވޭނެ މަގު ފަހިކޮށްދިނީމަ ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެވާ ކޮންމެ ޕެކޭޖެއް ކަސްޓަމްސް އިން އެބަ ސްކޭން ކުރޭ. ޕޯސްޓު މެދުވެރިކޮށް މިހާރު މި ޓްރެންޑް ގިނަ އެއްޗެހި މި ފެންނަނީ. މީގެ އިތުރުން ކަނޑު މަގުން އަންނަ ތަކެތި ބަލާފާސްކުރުންވެސް ކަސްޓަމްސް އިން އިތުރުކޮށްފި. ވަޒީރު
މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް ރާއްޖެ ގެންނަ ބޮޑެތި ކޮންޓެއިނަރުތައް ސްކޭންކޮށްގެން ނޫނީ ކާގޯ ދޫނުކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މިންވަރު މަދު ކުރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.
އަދި މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންވެސް ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް ފެށި އޮޕަރޭޝަން އަލިމަގަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މިދިޔަ ދެ އަހަރަށް ވުރެ ރަނގަޅު ނަތީޖާތަކެއް މި އަހަރުގެ ތެރޭގައި ނެރެވޭނެ ކަމަށެވެ.
މިދިޔަ ދެ އަހަރަށް ބަލާލާނަމަ ދެ އަހަރު އެއްކޮށްލައިގެން ގާތްގަނޑަކަށް 1.3 ޓަނުގެ މަސްތުވާތަކެތި، އެއީ 1300 ކިލޯގެ މަސްތުވާތަކެތި އަޅުގަނޑުމެން ވާނީ އަތުލައިގެންފައި. އެއީ ރަލާއި ބިޔަރާ ހިމެނޭހެން 2.3 ބިލިޔަން ދިވެހި ރުފިޔާގެ މަގުމަތީގެ އަގުގެ މަސްތުވާތަކެތި. މިއީ ޚިޔާލަށް ގެންނަވާ ފުލުހުންނަށް ކަސްޓަމްސްއާ ގުޅިގެން މި މަސައްކަތް ނުކުރެވުނު ނަމަހީ މިއަދަދަށް ފައިސާ މަސްތުވާތަކެއްޗަށް ދިވެހިން ހުންނާނީ ޚަރަދުކޮށްފައި. މިއަދަދަށް ދިވެހިން ވާނީ މަސްތުވާތަކެތި ކޮންސިއުމްކޮށްފައި. އެހެންވީމަ މުޖުތަމަޢު ވަރަށް ބޮޑު ނުރައްކަލަކުން ދިވެހި ފުލުހުން ވަރަށް ބޮޑު ރައްކާތެރިކަމެއް މި ހޯދައިދިނީ. މި ފުރުސަތުގަ ކަސްޓަމްސް އަދި ދިވެހި ފުލުހުންނަށް ވަރަށް ބޮޑަށް ޝުކުރުވެސް އަދާކުރަން. ވަޒީރު
ވަޒީރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ހުއްޓުވުމަށް ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ވަނީ ޤާނޫނަށްވެސްއިސްލާހުތަކެއް ގެނެސްފައެވެ.


