ޝަރުއީ ދާއިރާއަށް ދޭންޖެހޭ ސަމާލުކަމާއި އިސްކަން ނުދެވި ދިގު މާޒީއެއް ފާއިތުވެއްޖެ: އުއްތަމަ ފަނޑިޔާރު
8 ފެބްރުއަރީ 2026 - 17:39

ޝަރުއީ ދާއިރާއަށް ދޭންޖެހޭ ސަމާލުކަމާއި އިސްކަން ނުދެވި ދިގު މާޒީއެއް ފާއިތުވުމުގެ ސަބަބުން ކުރިމަތިވި ހުރަސްތައް ހިރާސްތަކަށް ބަދަލުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޤަޟާޢީ އަހަރު 2026 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޤަޟާޢީ ބަޔާން އިއްވަވަމުންނެވެ.
މި ބަޔާނުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމު ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޝަރުޢީ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދާ މަސައްކަތްތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ ޝަރުޢީ ކޯޓުތަކުގެ ހުރިހައި ފަނޑިޔާރުން އަދުލު އިންސާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު ކެނޑިނޭޅި އަދާކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ދާއިރާއަށް ދޭންޖެހޭ ސަމާލުކަމާއި އިސްކަން ނުދެވި ދިގު މާޒީއެއް ފާއިތުވުމުގެ ސަބަބުން ކުރިމަތިވި ހުރަސްތައް ހިރާސްތަކަށް ބަދަލުވެފައިވާ ކަމަށެވެ. މިކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަމާލުކަމަށް ގެނައުމުން މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެމަނިކުފާނު އަޅުއްވާފައިވާ ކަމަށާއި އެގޮތުން ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް އެ ދާއިރާގެ ބަޖެޓުގެ ގޮތުގައި ހަމަޖައްސަވައިދެއްވާފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ރައީސުލްޖުމްހޫރިއްޔާ ހެޔޮ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށާއި ޖާގައިގެ ގޮތުން ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާފައިވާކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވުމަކީ ލިބޭ ހިތްވަރަކާއި ފޮނި އުއްމީދެއް ކަމަށްވެސް ވިދާޅުވިއެވެ.
ޝަރުޢީ ދާއިރާއަށް ކުރިން ދިމާވި ހުރަސްތަކާއެކުވެސް ފަނޑިޔާރުންނާއި މުވައްޒަފުން އިންސާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު ސާބިތުކަމާއެކު އަދާކުރައްވަމުންދާކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ 1 އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ނިންމައި އިންސާފު ގާއިމުކުރުމަށް މިއަހަރު ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ މިއަހަރު ހުށަހަޅާނެ ކަމަށް އަންދާޒާ ކުރެވޭ 21،000 މައްސަލައިގައި އިންސާފު ގާއިމުކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.
"ކޯޓުތަކުން ފެންނަންޖެހޭ ރަނގަޅު ނަތީޖާއަކީ ލަސްވުމެއްނެތި އިންސާފު ގާއިމުވާތަން ފެނުން. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. އެކި ސަބަބުތަކާހުރެ ދިގުލައިގެންދާ މައްސަލަތައް މިހާރުވެސް އެބަހުރި. އެހެންވެ މިއަހަރު ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ އިންސާފު ލަސްވެފައިވާ މައްސަލަތަކުށް އަމާޒުކޮށްގެން ޚާއްސަ މަސައްކަތްކޮށް އަވަސްކަމާއެކު އިންސާފު ގާއިމުކުރުން،" އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެކި ކޯޓުތަކުގައި މިއަހަރު ފެށިއިރު 1 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ 1،332 މައްސަލަ އެބައޮތް ކަމަށެވެ. އެ މައްސަލަތައް ހައްލުކުރުމަށް ހުރި ހުރަސްތައް ދެނެގަނެ އެ މައްސަލަތައް ވިލަރެސް ކުރުމަށް އަންނަ އަންގާރަ ދުވަހު ޚާއްސަ ޓާސްކް ފޯސްއެއް އެކުލަވައިލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަމާޒަކީ މިއަހަރު ނިމިގެންދާއިރު ޝަރުޢީ ދާއިރާއަކީ އިންސާފު ނުލިބި ލަސްވެފައިވާ މައްސަލައެއް ނެތް ހަރުދަނާ އަދި ޒިންމާދާރު ދާއިރާއަކަށް ހެއްދެވުން ކަމަށެވެ.


