ރާއްޖެއާއި އީޔޫއާ ދެމެދު 'ޕާޓްނަޝިޕް ޑައިލޮގް' ބާއްވައިފި
11 ފެބްރުއަރީ 2026 - 12:03
.jpg&w=1920&q=75)
ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)އާ ދެމެދު 'ޕާޓްނަޝިޕް ޑައިލޮގް' 2026 ބާއްވައިފިއެވެ.
މިއީ ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު ބޭއްވި ފުރަތަމަ 'ޕާޓްނަޝިޕް ޑައިލޮގް'ްއެވެ.
މި ބައްދަލުވުންތައް ބާއްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
'ޕާޓްނަޝިޕް ޑައިލޮގް' އަކީ، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުންތަކުގެ މައްޗަށް ބިނާކޮށް، ދެ ފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބޭއްވި މަޝްވަރާތަކެކެވެ. މި ބައްދަލުވުމަކީ ރާއްޖެއާއި އީޔޫގެ ގުޅުމުގައި ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެއް ކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ. މިއީ، 1 ޖުލައި 2024 ގައި ރާއްޖެއިން 'ސަމޯއާ އެއްބަސްވުން' ފާސްކުރުމާ ގުޅިގެން، ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން 'މޯލްޑިވްސް - އީޔޫ ޕާޓްނަޝިޕް ޑައިލޮގް'ގެ ނަމުގައި ރަސްމީ ސިފައެއްގައި ބަދަލުވެގެން ދިޔަ ދިއުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.
މި މަތީ ފަންތީގެ މަޝްވަރާތަކުގެ ސަބަބުން، ދެ ފަރާތުންވެސް އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި އީޔޫއިން ކުރާ މަސައްކަތްތައް އަލުން ކަށަވަރު ކުރުމަށް ފުރުޞަތު ލިބިގެންދިޔަ ކަމަށް އެ ވުޒާރާއިން ބުންޏެވެ. މީގެތެރޭގައި ޑިމޮކްރެޓިކް ގަވަރނަންސް، އިންސާނީ ޙައްޤުތައް، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް، ކަނޑުގެ ސަލާމަތާއި ސަރަޙައްދީ ރައްކާތެރިކަން، ވިޔަފާރި، މަސްވެރިކަން އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުން ހިމެނެެއެވެ.
މީގެ އިތުރުން، އީޔޫއާއި ދިވެހިރާއްޖެއިން ވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އަސާސީ ޙައްޤުތައް ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅާފައެވެ. މީގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިނިވަންކަމާއެކު ހަރަކާތްތެރިވާ މަދަނީ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނޭ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު ދާދިފަހުން ސިޔާސީ، އިޤްތިސާދީ އަދި އިޖުތިމާޢީ ދާއިރާއިން އައިސްފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން އުމްރާނީ ތަރައްޤީއާއި، ހަރުދަނާ މާލީ އިދާރީ ނިޒާމެއް ޤާއިމުކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ޑިޖިޓަލް ދާއިރާގެ ކުރިއެރުމާއި، ތަޢުލީމީ ދާއިރާގެ އިތުރުން އިޤްތިސާދު ސިންދަފާތު ކުރުމާ ގުޅޭގޮތުން ޚާއްޞަ ގޮތެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.
އިޤްތިސާދީ އަދި ވިޔަފާރީގެ މަޝްވަރާތަކުގައި، ދެ ފަރާތުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާއި، ވިލާތުގެ ބާޒާރުތަކުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، ޓެރިފްގެ ހުރަސްތަކާ ބެހޭގޮތުންނާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި މިހާރު ކުރިއަށްދާ އިސްލާޙީ މަސައްކަތްތަކާ ބެހޭގޮތުން ދެ ފަރާތުގެ ޚިޔާލު ބަދަލުކޮށްފައިވެއެވެ.

Ad by Hajj Corporation


