ސިނަމާލެ އާއި މާލެ ހިޔާ ފްލެޓުތަކުގެ ޖޫރިމަނާ އެއްކޮށް މާފުކޮށް، ކޮންމެ ފްލެޓަކަށް 100،000ރ. ދިނުމަށް ރައީސް ނިންމަވައިފި
17 ފެބްރުއަރީ 2026 - 03:43

މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އެ ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދެއްވުމަށާއި ކޮންމެ ފްލެޓަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް މިކަން އިޢުލާނު ކުރެއްވީ ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ އެކު ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ހޯމަ ދުވަހުގެ ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ފްލެޓްތަކުގެ ވެރިފަރާތްތަކުން ވަނީ އިމާރާތްތަކުގެ ހާލަތާއި، ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ.

Ad by Hajj Corporation
ރައީސް މުޢިއްޒު ނިންމަވާފައިވަނީ ސިނަމާލެ 1، 2، 3 އަދި 4 ގެ އިތުރުން މާލެހިޔާ 1 އަދި 2 ގެ ފްލެޓްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ހުރިހާ ޖޫރިމަނާއެއް އެއްކޮށް މާފުކޮށްދެއްވުމަށެވެ. މީގެ އިތުރުން، އެ ފްލެޓްތައް ބައުވެ، ސްޓްރަކްޗަރަށް ލިބިފައިވާ ގެއްލުންތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާތީ، ކޮންމެ ފްލެޓަކަށް 100,000 (އެއްލައްކަ) ރުފިޔާގެ އިނާޔަތެއް ދެއްވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.
މި އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ފްލެޓަށް ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާއަށްވުރެ ގިނަނަމަ، އެ އަދަދުން އެއްލައްކަ ރުފިޔާ އުނިކޮށްދެއްވާނެ ކަމަށެވެ. އަދި ދައްކަންޖެހޭ އަދަދު އެއްލައްކަ ރުފިޔާއަށްވުރެ މަދުނަމަ، ބާކީވާ ބައި ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ފްލެޓް މިލްކުކުރުމަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިންމާފައިވާ ފަރާތްތަކަށް، އެއްލައްކަ ރުފިޔާގެ އިނާޔަތް އެއްކޮށް އެ ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
މިއީ އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.


