ޝާހިދު ގޮވާލީ ނަމީބިއާ އާ ދެކޮޅަށް ދަނބިދަރިފުޅު ބެންޗުގައި ބައިންދަން!
17 ފެބްރުއަރީ 2026 - 05:54

ޕާކިސްތާނު ކްރިކެޓް ޓީމުގެ އަވަސް އުކުންތެރިޔާ ޝަހީން ޝާހު އަފްރީދީ، ކުރިއަށް އޮތް މެޗުގައި ބެންޗުކުރުމަށް، ޓީމުގެ ކުރީގެ ކެޕްޓަން، އަދި 2009 ވަނަ އަހަރުގެ ޓީ-20 ވޯލްޑް ކަޕުގެ ތަށި އެގައުމަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކަކު ކަމަށްވާ ޝާހިދު އަފްރީދީ ގޮވާލައިފިއެވެ.
މިހާރު ކުރިއަށްދާ ޓީ-20 ވޯލްޑް ކަޕުގައި ވާދަވެރި އިންޑިއާ އަތުން ލަދުވެތި ގޮތަކަށް ބަލިވި މެޗަށްފަހު މީޑިއާ އާ ވާހަކަދައްކަމުން ޝާހިދު ވަނީ އޭނާގެ ދަރިފުޅު، އަންޝާގެ ފިރިމީހާ، ޝަހީން ޝާހު އަފްރީދީ މުބާރާތުގައި ދައްކަމުން އަންނަ ދަށް ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން، ޝާހިދު ވަނީ ޝަހީންގެ އިތުރުން ޓީމުގެ ސީނިއަރ ދެކުޅުންތެރިން ކަމަށްވާ ބާބަރު އާޒަމް އަދި ޝަދާބް ޚާން ވެސް ކުރިއަށް އޮތް މެޗުގައި ބެންޗުކުރުމަށް ގޮވާލާފައެވެ.

Ad by Hajj Corporation
ނަމީބިއާ މެޗުގައި މިކުޅުންތެރިންގެ ބަދަލަށް ޒުވާން ކުޅުންތެރިން އަރުވާ، އެކުޅުންތެރިންގެ އިތުބާރު ވަރުގަދަކުރަން ފުރުސަތުދިނުމަށް ޓީމުގެ މެނޭޖްމަންޓަށް ޝާހިދު ގޮވާލާފައިވެއެވެ.
އިންޑިއާ މެޗަށްފަހު މީޑިއާ އާ ވާހަކަދައްކަމުން ޕާކިސްތާނުގެ ކެޕްޓަން، ސަލްމާން ޢަލީ ބުނެފައިވަނީ މި ނަތީޖާއަކީ ޕާކިސްތާނުގެ ސްޕިނަރުންނަށް ރަނގަޅު ކުޅުމެއް ނުކުޅެވުމުގެ ސަބަބުން ނުކުތް ނަތީޖާއެއް ކަމަށެވެ. ނަމަވެސް، ފާއިތުވި ހަ މަސްދުވަހު އެޓީމުގެ ސްޕިނަރުން ދައްކާފައިވާ މޮޅު ކުޅުމަށް ބަލާ، ޓީމުގެ ގޭމް ޕްލޭންގެ ބޮޑު ބައެއް ބަރޯސާވެފައިވަނީ އެކުޅުންތެރިނަށް ކަމަށެވެ. ނަމަވެސް، އިންޑިއާ މެޗުގައި ޕިޗުގެ ސަބަބުން އެކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނުކަން ސަލްމާން ފާހަގަކުރިއެވެ.
ޓީ-20 ވޯލްޑް ކަޕުގައި އިންޑިއާ އަދި ޕާކިސްތާން، މިދިޔަ އާދީއްތަ ދުވަހު ބައްދަލުކުރި މެޗުން ޕާކިސްތާން ބަލިވެފައިވަނީ 61 ލަނޑުގެ ތަފާތަކުންނެވެ. މީގެ އިތުރުން، މި މެޗުގައި ދެ އޯވަރ ބާކީ އޮއްވައި ޕާކިސްތާނުގެ ހުރިހާ ކުޅުންތެރިން ނުބައިވެފައިވާކަން ފާހަގަކުރެވެއެވެ.
ގްރޫޕް ސްޓޭޖުގައި ޕާކިސްތާން ކުޅުނު ފުރަތަމަ ދެ މެޗަށް ބަލާއިރު، ފުރަތަމަ މެޗުގައި ނެދަރލޭންޑްސް އަތުން ހަނި ގޮތަކަށް، ތިން ބޯޅަ ބާކީ އޮއްވައި ތިން ވިކެޓުން އެޓީމު ވަނީ މޮޅުވެފައެވެ. ދެވަނަ މެޗުގައި އެމެރިކާ އަތުން މޮޅުވެފައި ވަނީ 32 ލަނޑުގެ ތަފާތަކުންނެވެ.


