ޝެއިޙް ފަރީދުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވައިފި
20 ފެބްރުއަރީ 2026 - 15:54

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ބަންގްލަދޭޝްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދު އަދި ޢަބްދުއްރަޙްމާން ފަރީދެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ޚިދުމަތް ޖަމްޢިއްޔާގެ ޕާޓްނަރު އެންޖީއޯ (އަލް-މަނާހިލް ފައުންޑޭޝަން)ގެ އިސްބޭފުޅުންނާއި އެ ސަރަޙައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ޝެއިޚް ފަރީދު، މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވުމަކީ ރައްޔިތުންނަށް ނުހަނު ބޮޑު ހިތާމައެއް ލިބިގެންދިޔަ ކަމެކެވެ. ޝެއިޚްގެ ވަކިވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ދެމިގެންދާނެ ފަދަ ޞަދަޤާތެއްގެ ގޮތުން "ޚިދުމަތް ޖަމްޢިއްޔާ" އިން ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ފަންޑެއް ހުޅުވިއެވެ.
މި ފަންޑަށް ބޭނުންވާ ފައިސާ ދިވެހި ރައްޔިތުންގެ އެހީތެރިކަމާއެކު ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ހަމަވެފައެވެ.
ޚިދުމަތް ޖަމްޢިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި، ބަންގްލަދޭޝްގައި މިއަދު ހުޅުވި މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއީ ޝެއިޚްގެ ހަނދާނުގައި ކުރި މަތިވެރި މަސައްކަތެއްގެ ފެށުމެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ސިފަކުރެއެވެ.
ޝައިޚް އިބްރާހިމް ފަރީދަކީ ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގެ މައިދާނުގައި ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ނަމުގައި ބިނާކުރެވޭ މި މިސްކިތްތަކަކީ އެމަނިކުފާނު ދިވެހި އުންމަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ޒިކުރާ ދެމެހެއްޓުމަށް ގޮތުން ކުރެވުނު މުހިންމު މަސައްކަތެކެވެ.
ބަންގްލަދޭޝްގައި ބިނާކުރި މިސްކިތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމަކީ ޝެއިޚްގެ ޢާއިލާއަށާއި އެމަނިކުފާނަށް ލޯބިކުރާ ހުރިހާ ދިވެހިންނަށް ލިބުނު ބޮޑު އުފަލެކެވެ.


