އަލް މަރްޙޫމް ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއް: ރައީސް
26 ފެބްރުއަރީ 2026 - 12:13

މަޝްހޫރު ފިލްމް ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ނިމާލްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ނިމާލް ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސުގައި ރައީސުލްޖުމްހޫރިއްޔާވަނީ ތަމްސީލުކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވުމުގެ ހިތާމައިގައި އެޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ނިމާލްގެ ފުރާނައަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާ ދަންނަވާފައެވެ.

Ad by Hajj Corporation
ނިމާލް ނިޔާވެފައިވަނީ ސްޓްރޯކް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިމާލަށް ސްޓްރޯކެއްޖެހި އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
1984 ވަނަ އަހަރު ފިލްމު "ނުފޫޒު"އިން ފިލްމީ ދާއިރާއަށް ނުކުތް ނިމާލްވަނީ މަޝްހޫރު އެތައް ފިލްމެއް އުފައްދާ، ފާހަގަކޮށްލެވޭ އެތައް ތަމްސީލަކާއި ޕްރޮގްރާމެއް ދިވެހީންނަށް ގެނެސްދީފައެވެ. ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު ނިމާލަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާފައެވެ.


