ބިންހިއްކާނަމަ ކިސަޑުވާނެ؛ މަޝްރޫއުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން މަަސައްކަތްކުރަން: މިނިސްޓަރ ޠާރިޤް
1 މާރިޗު 2026 - 10:17

ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދާ ނަމަ އެ މަޝްރޫއެއް ކުރިއަށްގެންދާ ސަރަހައްދު ކިސަޑުވާނެ ކަމަށާއި މަޝްރޫއުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން މަަސައްކަތްކުރާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާލުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާހެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްަދަލުވުމެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް މިފަދައިން ވިދާލުވީ، ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation
ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލެއަށް ބިން ހިއްކާ ޑްރެޖަރުތަކުން އަޅާ ވެލިތަކުގެ ކިސަޑުގަނޑު ދެކުނު މާލެ އަތޮޅުގެ އެތެރެވަރީގެ ބޮޑު ސަރަހައްދަކަށް ފެތުރި، ފުން ކަނޑު ވެސް ކިލަނބުކޮށްލާފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނާތީ، ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، މިނިސްޓަރ ވިދާޅުވީ، ދައުރުވަމުންދާ ސެޓެލައިޓް ފޮޓޯތަކާއި ވީޑިއޯތައް އެމަނިކުފާނަށް ވެސް ފެނިވަޑައިގެންފައިވާ ކަމަށާއި މަތިންދާ ބޯޓުގައި ދަތުރުކުރައްވާ އިރުވެސް އެ މަންޒަރުތައް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެހެން ނަމަވެސް، ގަބޫލުކުރަން ޖެހޭ ހަގީގަތެއްވާ ކަމަށާއި އެއީ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ސިނާއީ ބޭނުންތަކަށްވެސް ބިންހިއްކުމަކީ ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެފަދަ މަޝްރޫއުތައް ހިންގާ ވަގުތު އެ ސަރަހައްދަކަށް ކިސަޑު ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ކިސަޑުވުން ކުޑަކުރުމަށް ޑްރެޖަރުތަކުގައި ވަސީލަތްތައް ބޭނުން ކުރި ނަމަވެސް ކިސަޑުވުމަކީ ވާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މަސައްކަތް ނިމުމުން ނުވަތަ ޑްރެޖަރު އެ ސަރަހައްދުން ދުރަށްދިއުމުން ކިސަޑުގަނޑު ސާފުވެގެންދާނެ ކަމަށެވެ.
ބިންހިއްކުން ފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގާއިރު ލިބޭ ގެއްލުންތައް ކުޑަކުރަން އަބަދުވެސް މަސައްކަތްކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ މަޝްރޫއުތައް ހިންގުމުގެ ކުރިން ތިމާވެއްޓަށް ގެއްލުން ލިބޭ މިންވަރު ވަޒަންކުރުމަށް އީއައިއޭ ރިޕޯޓެއް އެކުލަވާލަން ވެސް ޖެހެއެވެ.
ފުށިދިއްގަރު ފަޅު ފެންނަ ފޮޓޯތަކުން ދައްކާ ގޮތުގައި ކިސަޑުގެ އަސަރު ކުރުމުގެ ސަބަބުން އެންމެ ބޮޑަށް ކިލަނބުވުން ނޫނީ "ސެޑިމެންޓޭޝަން ޕްލޫމް" އެންމެ ބޮޑަށް އޮތީ އަތޮޅުގެ ހުޅަނގު މެދުތެރޭގަ އެވެ. އެންމެ ބޮޑަށް ކިލަނބު ސަރަހައްދުތަކުގެ ތެރޭގައި މި ޕްރޮޖެކްޓުގެ އިމްޕެކްޓް ބައުންޑަރީ (ނުރަނގަޅު އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަހައްދު) ގައި ނުހިމެނޭ ބޮޑު ސަރަހައްދެއް ވެސް ހިމެނެއެވެ.
މިއީ ބިން ހިއްކުމުގެ ބޮޑު ޕްރޮޖެކްޓަކާ ގުޅިގެން ނޫނީ ނުއުފުދެދޭނެ ޓާބިޑިޓީ އިވެންޓެކެވެ. މި އިވެންޓާ ގުޅިގެން އުފެދުނު ޕްލޫމް އަތޮޅުގެ ހުޅަނގު ބިތާ ދިމާލުން ފުން ކަނޑަށް ބޭރުވެ، ބައެއް ދިމަދިމާލުން 10 ކިލޯމީޓަރާއި 12 ކިލޯމީޓަރު ބޭރަށް ޕްލޫމް ވަނީ ފެތުރިފައެވެ.


