logo
Bank of Maldives

Bank of Maldives

ޚަބަރު

"ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ޚިޔާރު ކުރަންވާނީ ތިމާއާ އެއް މަޤުސަދަކަށް މަސައްކަތް ކުރާ މީހެއް"

ޒިދާން މުޙައްމަދު
9 މާރިޗު 2026 - 11:10
"ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ޚިޔާރު ކުރަންވާނީ ތިމާއާ އެއް މަޤުސަދަކަށް މަސައްކަތް ކުރާ މީހެއް"

ޔާތުގެ ބައިވެރިޔާގެ ގޮތުގައި ޚިޔާރު ކުރަންވާނީ ތިމާއާ އެއް މަޤުސަދަކަށް މަސައްކަތް ކުރާ މީހެއް ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު މިހެން ވިދާޅުވީ، "ހެޔޮގޮތުގައި ދަރިން ބަލައި ބޮޑުކުރުމުގެ ޘަވާބާއި ދަރުމަ" މި މަޢުޟޫއަށް ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ.

އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ، ކޮންމެ މަޔަކާއި ކޮންމެ ބަފައެއްގެވެސް އެންމެ ބޮޑު މަޝްރޫއަކީ ދުނިޔެއިން އެ މީހަކު ވަކިވެގެންދާއިރު، ރަނގަޅު ދަރިފަސްކޮޅެއް ދޫކޮށްފައި ދިޔުން ކަމަށެވެ. އަދި އެއަށްވުރެ ކާމިޔާބު މަޝްރޫޢެއް ނޯންނާނެ ކަމަށާއި، ދަރިންގެ ޒިންމާތަކުން ބަރީޢަވުމަކީ މައިންބަފައިންނަށް އޮތް ފުރުޞަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޝައިޙް ވިދާޅުވީ، ދުނިޔޭގައި ދަރިންނަން އަރާމު ދިރިއުޅުމެއް ހޯދައިދޭން އެތަކެއް ބެލެނިވެރިންނެއް މަސައްކަތް ކުރިނަމަވެސް ދުނިޔޭގެ ހަޔާތަށްފަހު ދާން އޮތްތަނުގައި ކާމިޔާބު ހޯދައިދިނުމަށް ޣާފިލުވެއްޖެއްނަމަ އެ ކުދިންނަށް ހެޔޮކަމެއް ކޮށްނުދެވޭ ކަމަށެވެ. އަދި ދަރިންނަކީ، މާތްﷲ ޙަވާލުކުރައްވާފައިވާ އަމާނާތަކަށްވާއިރު، އެ އަމާނާތަށް ޚިޔާނާތްތެރިނުވުމަށް އެކަލާނގެ އަމުުރުކުރައްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

"ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ ދަރިން ވާކަން ކަށަވަރީ އިމްތިޙާނެއް ކަމުގައެވެ. އެ ދަރިންނާމެދު އަޅުގަނޑުމެން ކަންތައް ކުރަނީ، ކިހިނެތްތޯ ބެއްލެވުމަށްޓަކައި ކުރިމަތި ކުރުވާ އިމްތިޙާނެއް ކަމުގައޭ. ބައެއް މީހުން އެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރޭ. އަނެއްބައި މީހުން އެ ދަރިންގެ ކަންތަކާ މަސްއޫލުވެ ގޮސް ދުނިޔެއާއި އުޚުރަވީ ޙަޔާތް އޭނާ ގެއްލުވާލާ. ދަރިންގެ ކަންކަމާ މަސްއޫލު ވެގެން ގޮސް އޭނާގެ ޙަޔާތް އެބަ ބަރުބާދު ކޮށްލާ،" އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.

ޝައިޚް ސަމީރު ވިދާޅުވީ، ޙަޔާތުގެ އެންމެ މުހިންމު މަޝްރޫޢު ކާމިޔާބު ކުރުމަށް ހަޔާތުގެ ބައިވެރިއެއް ޚިޔާރު ކުރުމުގައި ވިސްނަންވީ ކަންކަން ދީނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން، ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ޚިޔާރު ކުރަންވާނީ ތިމާއާ އެއް މަޤުސަދަކަށް މަސައްކަތް ކުރާ މީހެއްކަން ކަށަވަރު ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ. އަދި އިސްލާމް ދީނުގައި ކައިވެނި ކުރުމަށް، ދީންވެރި، އަޚްލާގު ރަނގަޅު އަންހެނުންނާއި، ފިރިހެނުން ޚިޔާރު ކުރުމަށް އަންގަވާފައިވަނީވެސް އެ ސަބަބާ ހުރެ ކަމަށް ވިދާޅުވިއެވެ.

"ހެޔޮގޮތަކަށް އެކުއްޖާ ތަރުބިއްޔަތު ކުރެވިއްޖެއްޔާ، އެގޮތަށް އާދަ ހިފިއްޖެއްޔާ އޭނާ ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިވާނެ. އަދި އޭނާއާއެކުގައި އޭނާ ކުރާ ހުރިހާ ހެޔޮކަމެއްގައި އޭނާގެ ބައްޕަ، އެ ތަރުބިއްޔަތު ކުރި މީހާ، މަންމަ، އޭނާ ބެލެހެއްޓުންތެރިިޔާ ޝާމިލުވާނެ. އޭނާ ކުރާ ކޮންމެ ސަޖިދައަކާއި، އޭނާ ކިޔާ ކޮންމެ ތަސްބީހައަކާއި، އޭނާ ކުރާ ކޮންމެ އިސްތިޣުފާރަކާއި، އޭނާ ދުނިޔޭގައި ހުރެ ކުރާ ކޮންމެ ހެޔޮ އަމަލަކީ، އޭގައި ހެޔޮ އަމަލުގެ ސަބަބެއް ކަމުގައިވި މީހާއަށް ދަރުމައާއި ސަވާބު ލިބެމުންދާނެ ކަންކަމެވެ." އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.

ސާލިހު ދަރިއެއް ދުނިޔެއަށް ދޫކޮށްފައި ދާ މައިންބަފައިންނާއި، ބެލެނިވެރިންނަށް އޭގެ ޘަވާބު ލިބިލިބި ހުންނައިރު، އެ ކުދިންގެ ތަރުބިއްޔަތުގައި އިޙުމާލުވެއްޖެނަމަ އޭގެ ޒިންމާވެސް އެ ފަރާތްތަކުން ނަގަންޖެހޭކަން ޝައިޚް ސަމީރު ފާހަގަކުރެއްވިއެވެ.

އަންހެން ކުދިންނަކީ، މުސްތަޤުބަލުގައި އާއިލާއެއް ބިނާކުރާނެ ފަރާތްތައްކަން ފާހަގަކުރައްވައި، ޝައިޚް ވިދާޅުވީ އެ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ޚިޔާރު ކުރަންވާނީ ތިމާއާ އެއް މަޤުސަދަކަށް މަސައްކަތް ކުރާ މީހެއް"ޚަބަރު | 2 ގަޑިއިރު ކުރިން