ނުފުރިތިބި 1888 ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފި
12 މާރިޗު 2026 - 14:17

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ނުފުރިތިބި 1888 ފަތުރުވެރިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މައުލޫމާތު ދިނުމަށް މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ ރާއްޖޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން ތާށިވިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވި ހިސާބުން ސަރުކާރުން ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަކަމަށެވެ. އެގޮތުން އެއަރޕޯޓްގައި ފަތުރުވެރިންނަށް މަޑުކުރެވޭނެ އިންތިޒާމްތައް ވަގުތުން ހަމަޖައްސައިދިންކަމަށާއި މިކަމުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިޔަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ރިސޯޓްތަކުން މާބޮޑު އަގުތަކެއް ނުނަގައި ފަތުރުވެރިންނަށް ސްޓޭ އިތުރުކޮށްދިންކަމަށެވެ. އަދި މާރޗް އަދި އެޕްރީލް މަހު ވަރަށް ބޮޑަށް ކެންސަލޭޝަން ލިބެމުން އަންނަކަމަށެވެ. ކެންސަލްކުރާ ފަރާތްތަކުން ރީބުކްކުރުމަށް އިތުރު ޗާޖަކާއި ނުލައި ފަސޭހަ އިންތިޒާމްތަކެއް ރިސޯޓްތަކުން ހަމަޖައްސައިދެމުންއަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، އަންނަ މަހުގެ ކުރީކޮޅުން ފެށިގެން މާކެޓިން ހަރަކާތްތައް ހަރުދަނާކުރާނެކަމަށެވެ. އަދި މާކެޓިން ހަރަކާތްތައް ވަރުގަދަކުރާ ބައެއް ގައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ ރަޝިއާ ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
ވަޒީރު ތާރިޤް ވިދާޅުވީ، ކައިރި ގައުމުތަކާއި ފަތުރުވެރިން އަންނަ ގައުމުތަކާއި އެއަރލައިންތައް އޮޕަރޭޓްކުރާ ގައުމުތަކާއިއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އެގޮތުން މިވަގުތު އެންމެ ވަރުގަދައަށް އޮޕަރޭޓްކުރާ އެއަރލައިންއަކީ ޓާކިޝް އެއަރލައިންކަމަށާއި، ޓާކިޝް އެއަރލައިންސްގެ އޮޕަރޭޝަން ވަރުގަދަކުރުމަށް އެ ގައުމުގެ ސަރުކާރާއިއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި ބައެއް ގައުމުތަކުގެ އެމްބަސީތަކާއިއެކު މާކެޓްކުރާނެ ގޮތްތަކަށް ފޯކަސްކޮށްގެން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި ވުޒާރާއިން ނެރޭ އެންމެ ފަހުގެ އިރުޝާދުތަކަށް ސަމާލުވުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވަނީ ސިނާއަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ވަނީ އިރުޝާދުދެއްވާފައެވެ.


