ރޯދަމަހަށް ފަހުގައި ވެސް އަޅުކަމުގައި ހީވާގިވެ އުޅުމަށް ޢީދު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެ
20 މާރިޗު 2026 - 02:19

ރޯދަމަހަށް ފަހުގައި ވެސް އަޅުކަމުގައި ހީވާގިވެ އުޅުމަށް މިއަދުގެ ޢީދު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި ފިޠުރު ޢީދު ނަމާދަށްފަހު އިއްވި ޢީދު ޚުޠުބާގެ މައިގަނޑު މަޢުޟޫ ބިނާކޮށްފައި ވަނީ ފިޠުރުޢީދުގެ އުފަލާއި އަދަބުތަކަށެވެ.

Ad by Hajj Corporation
ޚުޠުބާގައި ބުނީ ފިޠުރު ޢީދު ދުވަހަކީ އަޅަމެންނަށް ހިދާޔަތްދެއްވިކަމަށް ޓަކައި، މާތް اللهއަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުވަސް ކަމަށާއި މި ބާއްޖަވެރި ދުވަހު، މާތް الله އަޅަމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކުރުން މުނާސަބު ކަމަށެވެ.
އެ ކަލާނގެ އަޅަމެންނަށް ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީންކަން ފާހަގަކޮށް ޢިދު ޚުޠުބާގައި ވަނީ، މި ދީންމަތީގައި ސާބިތުވެ ތިބުމަށް އެންމެތަކުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކޮށްފައެވެ. ރޯދައިގެ އަޅުކަން އަދާކުރެވުނީތީއާއި މާތް الله ތިޔަބައިމީހުން އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި ލެހެއްޓެވިކަމަށް ޓަކައި، ގިނަގިނައިން އެކަލާނގެ ހަނދުމަކޮށް ތަކުބީރުކިޔުމަށް ޚުޠުބާގައި ތަކުރާރުކޮށް ހަނދުމަކޮށްދިނެވެެ.
ޚުޠުބާގައި ބުނި ގޮތުގައި، މުސްލިމުންގެ ޢީދުން ފެންނަނީ، އެބައިމީހުންގެ އެއްބައިވަންތަކަމެވެ. ކުޑަކުދީންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންގެ މެދުގައިވާ ގުޅުމެވެ. ފަޤީރުންނާއި މުއްސަނދީންގެ މެދުގައިވާ ރަޙުމަތްތެރިކަމެވެ. މާތް اللهއަށް ޙަމްދުކޮށް، ސަނާދަންނަވައި، އެކަލާނގެ މަތިވެރިކޮށް، ތަކުބީރުކިޔާ މަންޒަރެވެ.
ޚުޠުބާގައި ވަނީ ތިޔަބައިމީހުން ޙަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށްވެސް ގޮވާލާފައެވެ. ކޮންމެ މީހަކު ވެސް، އަނެކާގެ ޙައްޤުތައް އަދާކުރުމަށާއި މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްޤުތައް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން ކަމުގައި ފާހަގަކުރިއެވެ.
އެކަން ދަލީލުކޮށްދޭ ކީރިތި ޤުރުއާނުގެ އާޔަތެއް މާނައާއެކު ޚުޠުބާގައި ބަޔާންކުރިއެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަން ރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ."
ޚުޠުބާގައި ބުނީ މާތް اللهގެ ހައްޤުތަކަށް ފަހު، މައިންބަފައިންގެ ޙައްޤުތައްވާ ކަމަށާއި އެއީ މާތް اللهގެ ޙައްޤުތައް އަދާކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން، މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށް އަމުރުކުރެއްވީތީ ކަމަށެވެ.
ޚުޠުބާގައި ވަނީ ޢީދު ދުވަހު މޫނުމަތީން އުފާވެރިކަން ފާޅުކުރުމަށް ބާރުއަޅާފައެވެ. އަދި ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތަކުން ހަދިޔާ ބަދަލުކުރުމަށް އެދިފައިވެއެވެ.
ޢީދު ޚުޠިބާގައި ބުނި ގޮތުގައި، މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށް ޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަހެވެ. އިސްލާމީ ޢީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުންނެވެ. މާތް اللهއަށް ޝުކުރުދެންނެވުމަށް ޓަކައި ކުރާ، ޢީދުނަމާދުންނެވެ. މި ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވެއެވެ. އިސްލާމީ ޢީދަކީ އެ ކަމުގައި އެންމެން ބައިވެރިކުރާން ޖެހޭ އިޙުތިފާލެކެވެ. އެހެން ނަސްލުތަކުގެ މުސްލިމުން ވެސް ޢީދުގެ އުފަލުގައި ބައިވެރިކުރާންވާނެއެވެ. ޢީދުގެ ކުރީން މުއްސަނދީން ފިޠުރުޒަކާތް ނެރެ، ފަޤީރުންނާއި މިސްކީނުން، މި އުފަލުގައި ބައިވެރިވާން މަގުފަހިކޮށްދެއެވެ. ޢީދުނަމާދުގެ ކުރީން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައި ވަނީ، މި ސަބަބަށް ޓަކައެވެ.
މިއަދުގެ ޚުޠުބާގައި ވަނީ ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުގައި ހިފަހައްޓާން ހަނދާންކޮށްދީފައެވެ. އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އަހަރެމެންގެ ޢީދުތަކުގައި ޖާގަނުދިނުމަށް ޚުޠުބާގައި ގޮވާލިއެވެ.
ރަމަޟާންމަސް އަހަރެމެންނާ ވަކިވެ ދިޔައީ، އަހަރެމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައި ކަމަށާއި މާތް الله ޝަރުޢުކުރެއްވި ގޮތަށް ރޯދަހިފައި، ރޭއަޅުކަންކުރި މީހުންނަށް ޝަފާޢަތްތެރިވާ މަހެއްގެ ގޮތުގައި ކަމަށް ޚުޠުބާގައި ބުންޏެވެ. މުސްލިމުން ރަމަޟާންމަހުގައި، اللهގެ ޙަޟުރަތަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާކަން ފާހަގަކޮށް، ހާއްސަ ގޮތެއްގައި ނަމާދުކޮށް، ރޭއަޅުކަންކޮށް، އުޅޭ ކަމަށް ބުނެފައިވެއެވެ.
ޢީދު ޚުޠުބާގައި ވަނީ ރޯދަމަހަށް ފަހުގައި ވެސް ނަމާދު ޤާއިމުކޮށް، އަޅުކަމުގައި ހީވާގިވެ އުޅުމަށް ނަސޭހަތްތެރިވެފައެވެ.


