ހަނގުރާމަ ދިގުލައިގެން ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް މަޝްވަރާކުރަނީ
22 މާރިޗު 2026 - 11:58

ހަނގުރާމަ ދިގުލައިގެން ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ޢަމަލުކުރާނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ، ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ވަނީ ދެއްވާފައެވެ.

Ad by Hajj Corporation
މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ، ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރަމުންދާ އަސަރު ވަރަށް ގާތުން ދިރާސާކޮށް ބަލަމުންދާ ކަމަށާއި ވަގުތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި ދުރުރާސްތާގެ ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށެވެ.
އަދި މިވަގުތު އެންމެ އިސްކަމެއް ދެނީ، ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިން ކަމަށްވުމާއެކު، ތެޔޮ ހޯދުމުގައި އަވަށްޓެރި ޤައުމުތަކާއެކު މަޝްވަރާކޮށް، އެކަމުގައިވެސް ކުރިއެރުންތަކެއް ހޯދިފަވާ ކަމަށެވެ. ނަމަވެސް އެ ޤައުމުތަކުގެ މަޢުލޫމާތު ޙަމަކޮށްފައެއް ނުވެއެވެ.
އަދި ކާބޯތަކެތީ ރައްކާތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި، ރާއްޖޭގައި ތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ތެލުގެ ކަންކަމުގައި މަޝްވަރާ ކުރަމުންދަނީ ވަކި ޤައުމަކަށް ބަރޯސާނުވެ އެ ޚިދުމަތް ހޯދުން ޑައިވަރސިފައިކުރަން ކަމަށާއި އަދި ޒަރޫރީ ކާބޯތަކެތި ހޯދުމަށް އިތުރު މާކެޓް ތަކާއެކު ކުރަމުންދާ މަސައްކަތްތައްވެސް އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށް ވަޒީރު ޚަލީލު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހަނގުރާމަ ދިގުލައިގެން ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ޢަމަލުކުރާނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ، އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ބުރައަކަށް، ތަކުލީފަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ކަމަށް ވެސް އެމަނިކުފާނު ވިދާލުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ޔޫއޭއީގެ ފުޖޭރާ ސަރަޙައްދުގައި ތިބި 3 ދަރިވަރަކު ރައްކާތެރި ސަރަޙައްދުތަކަށް ގެންދިޔުމުގައި ވަނީ އެހީތެރިކަން ދީފައެވެ. ވަޒީރު ވަނީ، ޤައުމުތަކުން ދެމުންދާ އިރުޝާދުތަކަށް، ދަރިވަރުންނާއި އަދި އެތަންތާންގައި ދިރިއުޅޭ ދަރިވަރުން ސަމާލުވުމަށްވެސް އެދިވަޑައިގެންފައެވެ.
ހަނގުރާމައިގެ އެއްވެސް ހަރަކާތަކަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރަން ހުއްދަ ނުދޭނެ ކަމަށާއި، އަދި މިހާތަނަށްވެސް ބޭނުންކޮށްފައި ނުވާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.


