އެސްއީޒެޑްގެ ފުރަތަމަ މަޝްރޫޢު ދެ އަހަރުން ނިންމާލަނީ
24 މާރިޗު 2026 - 12:12

އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ މަޝްރޫޢު، ފްލޯޓިން ސޯލަރ މަޝްރޫޢު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
އެމަނިކުފާނު ވިދާޅުވީ، މި މަސައްކަތް މިހާރު ބާރު މިނެއްގައި ކުރިއަށްދާ ކަމަށެވެ.
މާލެ ސަރަހައްދުގައި ގާއިމުކުރާ ސޯލާ ސިޓީ އަކީ މިސަރުކާރުގެ އެސްއީޒެޑް މަޝްރުޢޫތަކުގެ ތެރެއިން ވެސް ފުރަތަމަ މަޝްރޫޢުއެވެ. ސޯލާ ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މާލެ ސަރަހައްދުގައި ކުޑަބަނޑޮހުގެ އިރުން އޮތް ސަރަހައްދުގައެވެ.
މި މަޝްރޫޢުއަށް މިހާރު ހުއްދަ ދެވި މަސައްކަތް ކުރަމުންދާއިރު، މި މަސައްކަތް ކުރާނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ މިމަޝްރޫއުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިއީ ހަކަތަކައިގެ ރަށްކާތެރިކަން ކަށަވަރުކުރެވޭނެ މަޝްރޫޢުއެއް ކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
މި ސިސްޓަމަކީ ޔޫޓިލިޓީ ސްކޭލް ސިސްޓަމެއް ކަމަށާި ރާއްޖޭގައި މިހާރުވެސް ކަރަންޓު އުފައްދަނީ ވަރަށް ބޮޑު ސަބްސިޑީ ދީގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން އެނާޖީ ސެކިއުރީޓީ ލިބިގެންދާނެ ކަމަށާއި މިވަގުތު މާލޭގައި ލޯޑަކީ 120 މެގަވޯޓު ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތެރެއިން ހަމައެކަނި ސޯލާ ހަކަތަ އުފެއްދުމަށް ފްލޯޓިން ސޯލަރ ޕެނަލް ގާއިމުކުރަނީ ނޫން ކަމަށާއި، މުޅި ނިޒާމު އެއްކޮށް ހިންގުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޓްރާންސްފޯމަރުތަކާއި، ނިޒާމުން އުފައްދާ ކަރަންޓު ރައްކާކުރުމަށް ބެޓަރީ ސްޓޯރޭޖްގެ އިތުރުން އުފައްދާ ކަރަންޓު މާލޭގެ ގްރިޑާއި ގުޅާލުމަށް ސަބްމެރިން 4.5 ކިލޯމީޓަރުގެ ކަރަންޓު ސަބްމެރިން ކޭބަލެއް އަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުއަކީ ރާއްޖޭގައި ބޭރުގެ ފަރާތަކުން އިންވެސްޓްކޮށްގެން ހިންގާ މަޝްރޫޢުއެއް ކަމުން، މަޝްރޫޢުގެ ތެރެއިން އުފައްދާ ކަރަންޓު ޕަވަރ ޕާޗޭޒިން އެގްރިމެންޓެއްގެ ދަށުން ސްޓެލްކޯއަށް ގަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު އެގްރިމެންޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަސައްކަތް 2 އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


