އުނގުލަށް އުނގޫފާރު ނޫން ރަށެއް މީހަކަށް ނޭރޭނެ: ކައުންސިލް
24 މާރިޗު 2026 - 14:28
.jpg&w=640&q=75)
މާޅޮސްމަޑުލު އުތުރުބުރި އުނގުލަކީ އެ އަތޮޅު އުނގޫފާރުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވުމާއެކު، އެ ރަށަށް އަރައި ފޭބޭނީ ހަމައެކަނި އުނގޫފާރު ރަށްވެހިންނާއި އެރަށު މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނާއި އެ މީހުންގެ ދަރިންނަށް ކަމަށް އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ.
އުނގޫފާރު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުނގުލަކީ ރ. އުނގޫފާރު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ އެރަށާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅައި ނިމެންދެން އެ ރަށަށް އަރައި ފޭބުމުގައި އަމަލުކުރާނީ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ.

Ad by Hajj Corporation
އެ އުސޫލުގައި ހަ ކަމެއް ފާހަގަކޮށްފައިވެއެވެ.
އުނގޫފާރު ކައުންސިލުން ބުނީ އުނގުލަށް އެރުމަށް ހުއްދަ ދެވޭނީ ކައުންސިލުން އާންމުކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރާ ފަރާތްތަކަށް ކަމަށެވެ. ގޫގުލް ފޯމް ފުރިހަމަ ކުރުމުގެ ސުންގަޑި އަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ.
އެ އިއުލާނުގައި ބުނީ އުނގުލަށް އަރައި ފޭބުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނާއި އެރަށުގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ މީހުންނާއި އެމީހުންގެ ދަރިންނަށް ކަމަށެވެ.
އެ ކައުންސިލުން ވަނީ އެ އެންގުމާ ހިލާފަށް ރަށަށް އަރައި ފައިބާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.
ހުއްދައަށް އެދުމުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 5:00 ދެމެދުގެ ކޮންމެ ވަގުތެއްގައި ވެސް އުނގުލަށް އެރުމުގެ ފުރުސަތު އެމީހުންނަށް ދެވޭނެ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
އުނގޫފާރު ކައުންސިލުން ބުނީ ރަށުން ހޮވާ ކޮންމެ ހަތަރު ކާއްޓަކުން އެއް ކާށި ކައުންސިލަށް ދޭންޖެހޭނެ ކަަމަށެވެ. ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށި ވިއްކުމަށް ހަމަޖެހިފައި ވަނީ އުނގުލުން ގަންނަ ނަމަ، 5 ރުފިޔާއަށް އަދި އުނގޫފާރުން ގަންނަ ނަމަ، 7 ރުފިޔާއަށް ކާއްޓެއް ލިބޭ ގޮތަށެވެ.
ކައުންސިލުން ބުނީ އެތަކެތި ފިޔަަވައި ކުއްޅަވައް، ފަން އަދި މިދިލި އޮށް ހޮވާ މީހުންނަށް އެތަކެތި ލިބޭނެ ކަމަށެވެ.
ރުއް ގަހަށް އެރުމާއި ރުއް ކެނޑުމާއި ދިގު ދަނޑި ބޭނުން ކޮށްގެން ރުއްއެޅުމަކީ މަނާ ކަމެއް ކަމަށް ބުންޏެވެ. އަދި ރަށުގެ ސާފުތާރިހުކަން ދެމެހެއްޓުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.


