އެމެރިކާއިން އީރާނުގައި ހަފުތާތަކަކަށް ދެމިގެންދާނެ އެއްގަމު އޮޕަރޭޝަންތަކަކަށް ދަނީ ތައްޔާރުވަމުން: ރިޕޯޓު
29 މާރިޗު 2026 - 04:13

އެމެރިކާއިން، އީރާނުގައި ހަފުތާތަކަކަށް ދެމިގެންދާނެ އެއްގަމު އޮޕަރޭޝަންތަކަކަށް ތައްޔާރުވަމުންދާކަމަށް އެމެރިކާގެ އޮފިޝަލުން 'ދަ ވޮޝިންޓަން ޕޯސްޓް' އަށް ބުނެފިއެވެ.
މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ އިތުރަށް ވަރުގަދަކުރަން ނިންމަވައިފިނަމަ، "ނުރައްކާތެރި" އައު މަރުހަލާއަކަށް ވެދާނެ ކަމަކަށްވާއިރު، އެތައް ހާސް އެމެރިކާ ސިފައިންނާއި މެރިންސް މިހާރު ދަނީ މެދުއިރުމައްޗަށް ޖަމާވަމުންނެވެ.

Ad by Hajj Corporation
އޮފިޝަލުން ބުނި ގޮތުގައި، ކުރިއަށް ގެންގޮސްފާނެ އެއްގަމު އޮޕަރޭޝަނަކީ ފުރިހަމަ ފެންވަރުގެ އަރައިގަތުމަކަށް ނުވާނެއެވެ. އޭގެ ބަދަލުގައި މީގައި ހިމެނޭނީ ސްޕެޝަލް އޮޕަރޭޝަންސް ފޯސްތަކާއި އާދައިގެ އިންފެންޓްރީ ސިފައިން ގުޅިގެން ހިންގާ ރެއިޑްތަކެކެވެ. މި މައުލޫމާތު ދިން ހުރިހާ އޮފިޝަލުންވެސް ވާހަކަދެއްކެވީ، ހަފުތާތަކެއް ވަންދެން ރޭވުންތައް ތައްޔާރުކުރަމުންދާ އަސްކަރީ ނާޒުކު ރޭވުންތަކެއްގެ ވާހަކަ ދައްކަވާތީ، ނަން ހާމަނުކުރުމަށް ޝަރުތުކޮށްފައެވެ.
އިދާރާގެ ތެރޭގައި ފާއިތުވި މަހެއްހާ ދުވަހު ކުރެވުނު މަޝްވަރާތަކުގައި، ފާރިސީ ކަނޑުއޮޅީގައި އޮންނަ އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ 'ޚާރްގް އައިލެންޑް' ހިފުމާއި، އަދި ހޯރްމޫޒް ކަނޑުއޮޅި ކައިރީގައިވާ އައްސޭރިފަށުގެ އެހެން ސަރަހައްދުތަކަށް ރެއިޑްކޮށް، ވިޔަފާރި އަދި އަސްކަރީ އުޅަނދުތަކަށް އަމާޒުކުރެވިދާނެ ހަތިޔާރުތައް ހޯދައި ނައްތާލުމާ ގުޅޭގޮތުން ވާހަކަދެކެވިފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ. މިފަދަ މިޝަނެއްގެ ސަބަބުން އެމެރިކާގެ ސިފައިންނަށް އީރާނުގެ ޑްރޯންތަކާއި މިސައިލްތަކާއި، އެއްގަމުން ދޭ ހަމަލާތަކާއި އަދި އަމިއްލައަށް ހަދާފައިވާ ގޮވާތަކެތި ފަދަ ގިނަގުނަ ނުރައްކާތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.
ރިޕޯޓުގައިވާ ގޮތުން އެކަކު ބުނެފައިވަނީ، މިހާރު ބަލަމުންދާ ލަނޑުދަނޑިތައް ފުރިހަމަކުރުމަށް ނަގާނީ "މަސްތަކެއް ނޫން ކަމަށާއި، ހަފުތާތަކެއް" ކަމަށެވެ. އަނެކަކު ލަފާކުރި ގޮތުގައި މިކަމަށް ދެ މަހެއްހާ ދުވަސް ނަގާފާނެއެވެ. ނަމަވެސް ޕެންޓަގަނުގެ މި ރޭވުންތަކުގެ ތެރެއިން ހުރިހާ ކަމެއް ނުވަތަ ބައެއް ކަންކަން ނުވަތަ އެއްވެސް ކަމެއް ޓްރަމްޕް ތަސްދީގު ކުރައްވާނެކަން ނުވަތަ ނޫންކަން ހޮނިހިރު ދުވަހާ ހަމައަށް އޮތީ ސާފުނުވެއެވެ.
ޓްރަމްޕްގެ ސަރުކާރުން ފާއިތުވި ދުވަސްތަކުގައި ދަނީ ހަމަނުޖެހުންތައް ކުޑަވަމުންދާ ކަމަށް ބުނުމާއި، ހަނގުރާމަ އިތުރަށް ވަރުގަދަވެދާނެ ކަމުގެ އިންޒާރު ދިނުމާ ދެމެދު ބަދަލުވަމުންނެވެ. އެމެރިކާގެ ރައީސް ސުލްހަވެރި ހައްލަކަށް ވާހަކަދެއްކުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވީ ނަމަވެސް، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް އަންގާރަ ދުވަހު ވިދާޅުވީ، ތެހެރާނުގެ ލީޑަޝިޕުން އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާނުލައިފިނަމަ، ޓްރަމްޕް ހުންނެވީ އެމީހުންނާ ދެކޮޅަށް "ނަރަކަ ދޫކޮށްލުމަށް" ތައްޔާރަށެވެ.

.jpg&w=3840&q=75)
