ހުސްވިމަހު ރާއްޖެއަށް 161،259 ފަތުރުވެރިން ޒިޔާރަތްކުރި!
1 އޭޕްރީލު 2026 - 06:18

މާރިޗު މަހު ރާއްޖެއަށް 161،259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 643،218 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %1 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިއަހަރުގެ ޖަނަވަރީ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު، 227،403 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ފެބުރުވަރީ މަހު 254،556 ފަތުރުވެރިން އަދި ހުސްވި މާރިޗު މަހު 161،259 ފަތުރުވެރިން ޒިޔާަތްކޮށްފައިވެއެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު ޖަނަވަރީ އަދި ފެބުރުވަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން މާރިޗު މަހުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.

Ad by Hajj Corporation
އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކަށް ބަލާއިރު، ޗައިނާއިން 94،823 ފަތުރުވެރިން، ރަޝިއާއިން 79،326 ފަތުރުވެރިން، އިނގިރޭސިވިލާތުން 61،162 ފަތުރުވެރިން އަދި އިޓަލީވިލާތުން 57،289 ފަތުރުވެރިން ގެ އިތުރުން ޖަރުމަނުވިލާތުން 43،344 ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %68.8 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ގެސްޓްހައުސްތަކުގައި %26.1 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 636،916 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި ކަނޑުމަގުން 6302 ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

.jpg&w=3840&q=75)
