logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ޝާމިލް ލޯގޯ ބޭނުންކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

އައިޝަތު އިނާޝާ
1 އޭޕްރީލު 2026 - 10:50
ޝާމިލް ލޯގޯ ބޭނުންކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަމިއްލަ އުފެއްދުމެއްކަން އަންގައިދޭ ލޯގޯ، "ޝާމިލް ލޯގޯ" ބޭނުންކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ޝާމިލް ލޯގޯއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓުކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ކުރިއަށް ގެންދެވުނު އިސްނެންގެވުމުގެ ދަށުން އެފަރާތްތަކުގެ އުފެއްފުންތަކުގައި ބޭނުންކުރުމަށް ޚާއްސަކުރެވޭ ލޯގޯއެކެވެ. މި ލޯގޯގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމްކުރުން ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެއެވެ. ހަމައެހެންމެ، މި ލޯގޯއަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ކުދި ވިޔަފާރިތަކަށް އެހީތެރިވެދޭ، އެފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ޤައުމީ ނިޝާނަކަށް ވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މި ލޯގޯގެ މަޤްޞަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރާނެ މަންސައެއް ޤާއިމުކުރުމާއި، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތަކާ މެދު އާންމުންގެ މެދުގައި މަޤުބޫލުކަން އިތުރުކުރުން ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އުންމީދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި މި ޚާއްޞަ ލޯގޯ ބޭނުންކުރުމުން، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއަރައި، މުޖުތަމަޢުގައި އެފަރާތްތައް އިތުރަށް ބާރުވެރިވެގެން ދިއުން ކަމަށް ވެސް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެއެވެ.

މި ލޯގޯއަށް އެދި ހުށަހެޅުމުގައި އެ ފަރާތެއްގެ އުފެއްދުމަކީ އަމިއްލަ އުފެއްދުމެއްކަމުގައި ބަލާ މިންގަނޑުގެ ތެރޭގައި އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެތި ނުވަތަ ސާމާނުގެ 30 (ތިރީސް) އިންސައްތަ ވާންވާނީ ރާއްޖޭގައި އުފައްދާފައިވާ ނުވަތަ ރާއްޖެއިން ލިބެން ހުރި ތަކެތި ކަމުގައި ވާންވާނެއެވެ.

ޝާމިލް ލޯގޯއަށް އެދި ހުށަހަޅާ ފޯމު ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވެބްސައިޓުން ޑައުންލޯޑްކޮށްލެވޭނެއެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު، ބީސީސީއިން މިކަމަށް ކަނޑައަޅާފައިވާ މެއިލް އެޑްރެސް shamil@bcc.mv އަށް ނުވަތަ އެ އޮފީހަށް ހާޒިރުވެ ފޯމު ހުށަހެޅޭނެވެ.

މި މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިއެރުން ލިބޭނެ، ޝާމިލު އިޤްތިޞާދެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝާމިލް ލޯގޯ ބޭނުންކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިން