logo
Bank of Maldives

Bank of Maldives

ޚަބަރު

ވަތަނީ ހިދުމަތުގެ ބިލު ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

މަރިޔަމް މާޙީ
15 އޭޕްރީލު 2026 - 07:11
ރައީސް މުޢިއްޒު ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގައި ބައިވެރިވި ފުރަތަމަ ބެޗުގެ ބައެއް ޒުވާނުންނާއެކު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގައި ބައިވެރިވި ފުރަތަމަ ބެޗުގެ ބައެއް ޒުވާނުންނާއެކު، ފޮޓޯ: ރައީސް އޮފީސް

"ވަޠަނީ ޚިދުމަތުގެ ބިލު" ދިރާސާކުރަން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ވަޠަނީ ޚިދުމަތުގެ ބިލު" ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް މަސައްކަތުގެ ދާއިރާގައި ޚިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފުކޮށް، އެ ޕްރޮގްރާމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅާފައިވާ ބިލެކެވެ.

ވަޠަނީ ޚިދުމަތުގެ ބިލުގައިވާ ގޮތުގައި ބިލު ޤާނޫނަކަށް ވުމުން މިހާރު ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމާއެއްގޮތަށް އަސާސީ ތަޢުލީމާއި ތަމްރީން ކޯހަކާއި ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ޚިދުމަތެއްގައި މަސައްކަތް ކުރުމުގެ ބައި ހިމެނޭހެން ޕްރޮގްރާމެއް ހިންގަންޖެހޭނެއެވެ. މި ޕްރޮގްރާމް ވާންޖެހޭނީ އިސްލާމްދީނަށް ލޯބިކުރާ، ދީނީ ޝިޢާރުތަކަށް އިހްތިރާމްކޮށް، ޤައުމުދެކެ ފަޚުރުވެރިވާ ޤައުމިއްޔަތަށް އިސްކަންދޭ ޒުވާނުންތަކެއް ބިނާކުރެވޭނެ ޕްރޮގްރާމަކަށް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.މި ޕްރޮގްރާމުގައި އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު 18 އަހަރުނުވާ ކުޑަކުއްޖަކު ޕްރޮގްރާމުގައި ބައިވެރިކުރުވޭނީ ބެލެނިވެރިޔާގެ ހުއްދައާއެކު އެ ކުއްޖަކު ބޭނުންވެގެންކަން ވަނީ ބަޔާންކޮށްފައެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ޒުވާނުންނަށް އެ ފުރުސަތު ލިބޭނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ މެޑިކަލް އެސެސްމަންޓް ފުރިހަމަކޮށް، ފާސްވުމުންނެވެ.

ބިލުގައި ބުނެފައިވާވާ ގޮތުން ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންގެ އަސާސީ ތަޢުލީމާއި ތަމްރީނުގެ މުއްދަތުގައި ހުރުމާއި ކެއުމާއި ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ޚަރަދު ދިފާޢީ ވުޒާރާއިން ހަމަޖައްސައިދޭންޖެހޭނެއެވެ. އަދި އެކަށީގެންވާ އިނާޔަތެއްވެސް ދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ އަސާސީ ތަޢުލީމާއި ތަމްރީން ފުރިހަމަ ކުރާ ޒުވާނުން ޔުނިފޯމް އެޅި ޚިދުމަތެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ. މި މަސައްކަތުގެ މުއްދަތު 1 އަހަރަށްވުރެ ދިގުނުވާ ގޮތަށް ވަކި ޚިދުމަތެއް ކަނޑައަޅާނީ އެކަމަށް ޚާއްސަކޮށް އެކުލަވާލާ ގަވަރނިން ކައުންސިލުން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މަސައްކަތުގެ މުއްދަތު ހަމަވުމުން ޔުނިފޯމު އެޅި ޚިދުމަތްތަކަށް އެ ޒުވާނުންނަށް ވަޒީފާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ.

މި ބިލު ޤާނޫނަކަށްވުމުން އެކުލަވާލާ ގަވަރނިން ކައުންސިލަކީ ދިފާޢީ ވަޒީރާއި ދާޚިލީ ސިޔާސަތު ތަންފީޒުކުރުމަށް އެއިރެއްގައި ހަވާލުވެގެން ހުންނަ ވަޒީރާއި މާލީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނޭހެން އެކުލަވާލާ ކައުންސިލެކެވެ. މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ނައިބު ރައީސަކީ ދިފާޢީ ވަޒީރު ކަމަށް ބިލުގައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަތަނީ ހިދުމަތުގެ ބިލު ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިޚަބަރު | 7 ގަޑިއިރު ކުރިން