ރުކަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެ: ފަރުވާދެނީ ވެންޓިލޭޓަރުގައި!
16 އޭޕްރީލު 2026 - 14:35

ހދ. ކުޅުއްދުފުށީ ގައި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ކުޅުދުއްފުށީ ހިރަފުސް ދަނޑުގެ އިރުމަތި ފަރާތުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓި އަނިޔާ ލިބިފައިވަނީ ހދ ނޭކުރެންދޫއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނަކަށެވެ.

Ad by Hajj Corporation
މިއަދު މެންދުރުފަހު ގާތްގަނޑަކަށް 3 ޖަހާއެހާއިރު ހިނގި މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ވަރަށް ދެރަކަމަށާއި އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
އެ މީހާ ވެއްޓިފައިވަނީ ގާތްގަނޑަށް 60-70 ފޫޓްގެ ދިގު ރުއްކަކުން ކަމަށް މައުލޫމާތުލިބެއެވެ.
މެންދުރު ޓީވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހދ. ކުޅުއްދުފުށީ ސިޓީގައި ރުކަކުން މީހަކު ވެއްޓި އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހު 15:06 އެހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެމީހާ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންކަމަށާއި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.


