ރައްޔިތުންގެ ވިންދަން ފަސްޖެހުމެއްނެތް ޚިދުމަތްތަކުގެ އައު ބާބެއް
17 އޭޕްރީލު 2026 - 06:52

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ޚިދުމަތްތައް ހަލުވިކުރުމަށް، ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މި ނިމުނު ހަފުތާގައި ގެންނަވާފައެވެ.
މިބަލުތައް ގެންނެވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން ހިންގެވުމަށް މަގުފަހިކުރުމުގެ ގޮތުން، ކެބިނެޓުގެ 10 ވަޒީރަކު އިސްތިޢުފާ ހުށަހެޅުއްވުމުންނެވެ. މި ބަދަލުތަކަކީ ސަރުކާރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަލުވިކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަމާމެދު ޝައްކެތްނެތެވެ.

Ad by Hajj Corporation
މިއީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އެޅުއްވި ވަރަށް ހިތްވަރުގަދަ ފިޔަވަޅެކެވެ.
ސަރުކާރުގެ އިދާރީ ހިންގުމަށް މުހިންމު ބަދަލުތައް
ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު ސަރުކާރުގެ ވުޒާރާތަކަށް ވަނީ މުހިންމު ބަދަލުތަކެއް ގެންނަވައިފައެވެ. އޭގެ ތެރޭގައި ބައެއް ވުޒާރާތައް އުވައިލެއްވުމާއި، އައު ވުޒާރާތައް އުފެއްދުމާއި، ވުޒާރާތަކުގެ ނަން ބަދަލުކުރުމާއި، އިދާރާތަކުގެ ބެލެނިވެރިކަން ބަދަލުކުރުން ހިމެނެއެވެ. މި ބަދަލުތަކުގެ ސަބަބުން ކެބިނެޓްގެ ޖުމްލަ އަދަދު 20 އިން 15 އަށް މަދުކުރެވި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެއެވެ.
ހުއްޓުމެއްނެތް ޚިދުމަތް
ވެރިކަމުގެ ފާއިތުވި މުއްދަތުގެ ތެރޭގައި ސަރުކާރުން ވަނީ ގައުމީ ސިޔާދަތު ރައްކާތެރިކުރުމަށް އިސްކަންދީ، ގެއްލުވާލި ކަނޑުގެ ބައި ހޯދުމަށް ގިނަ މަސައްކަތްތަކެއްކޮށް، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވާލުމާއި، އެމް.އެން.ޑީ.އެފް ގެ އެއާ ވިންގް އިފްތިތާޙުކޮށް ޑްރޯންގެ ޚިދުމަތް ފެށުން ފަދަ މުހިންމު ކަންކަން ހާސިލުކޮށްފައެވެ. އަދި އެމްޑީޕީ ސަރުކާރުން ގެއްލުވާލި ޚާރިޖީ އިތުބާރު އަލުން އިއާދަކޮށް، ޚާރިޖީ އައު ބާބެއް ފަށާފައެވެ. ދުނިޔޭގެ ތިމާވެއްޓާއި ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހިމާޔަތުގައި އެންމެ ވަރުގަދަ އަށް ވަކާލާތުކޮށް މަސައްކަތްކުރުމާއެކު، ފަލަސްތީނުގެ ރައްޔިތުންނާއި އަނިޔާ ލިބެމުންދާ އެހެނިހެން މުސްލިމް ޖަމާއަތްތަކުގެ ހައްގުގައި ބައިނަލްއަގްވާމީ ފެންވަރުގައި އެންމެ ގަދަ އަށް އަޑުއުފުލައި ވަކާލާތު ކުރަމުން އަންނަ އިސްލާމީ ޤައުމަކީ ރައީސް މުޢިއްޒުގެ ޒައާމަތުގެ ދަށުގައިވާ މި ދިވެހިރާއްޖެއެވެ.
އިގްތިސާދީ ނާރެހަށް ބަލާއިރު ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި، ފައިސާ ނުޗާޕުކޮށް އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކުރެވުނު މަސައްކަތްތައް ސަރުކާރުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މީގެ އިތުރުން "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް" އުފެއްދުމާއި، 'މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން' އުފެއްދުމާއި، ބަންކަރިންގެ ޚިދުމަތް ފެށުމާއި، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ތަޢާރަފްކުރުން ފަދަ މުހިންމު މަސައްކަތްތައް ވަނީ ކޮށްފައެވެ. ރާއްޖޭގެ ހުރިހާ ރަށަކުން އޭޓީއެމްގެ ޚިދުމަތް ލިބޭނެގޮތް ހަދައިދީ، ބޮޑެތި ހުރިހާ ރަށެއްގައިހެން ބޭންކްގެ ބްރާންޗް ތަކާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވަނީ ގާއިމުކޮށްދީފައެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއިން ބަލާއިރު މިހާތަނަށް ''ބޯހިޔާވަހިކަން އެންމެނަށް'' ސިޔާސަތު ތަންފީޒުކޮށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ "ރަސްމާލެ" މަޝްރޫޢު ފެށުމާއި، ގެދޮރު އެޅުމަށް 5 އިންސައްތައަށްވުރެ އިންޓްރެސްޓް ކުޑަ ލޯނު ސްކީމް "ހިޔާވެހި" ފައިނޭންސިންގ ސްކީމް ތަޢާރަފުކުރުމާއި، ރައްޔިތުންނަށް އުފުލައިގަނެވޭނެ މިންވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށުމާއި، ރާއްޖޭގެ ބިން ދަތި ރަށްތައް ހިއްކައި، ބޯހިޔާވަހިކަމަށް ފައްކާކުރަމުން ދިޔުން ފަދަ އެތައް ކަމެއް ފާހަގަކޮށްލެވެއެވެ.
ޞިއްޙީ ދާއިރާއިން އެއާ އެމްބިއުލާންސްގެ ޚިދުމަތާއި، އައި.ވީ.އެފް ފަރުވާ އާއި، މައި ހޮސްޕިޓަލުތަކުން (އައިޖީއެމްއެޗު، ދަރުމަވަންތަ) ކުރިން ނުލިބޭ ނިއުރޯ ސާޖަރީތަކުގައި ބޭނުންކުރާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" ޚިދުމަތާއި، ދާއިމީގޮތެއްގައި ބަރުދަން ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތާއި، ލޮލުގެ ފަރުވާއަށް ޙާއްސަ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަކުލު ހުޅުގެ ސަރޖަރީ އާއި އަދި ދުވަސް ނުފުރާ ވިހާ ކުދިންނަށްދޭ "ރެޓީނާ ލޭޒަރ ޓްރީޓްމަންޓް"ގެ ޚިދުމަތްފަދަ އެތައް ޚިދުމަތެއް ތަޢާރަފްކުރުމާއި، ލެބޯޓަރީ ނެތް އެތަށް ރަށެއްގައި ލެބޯޓަރީ އާއި، އެތައް ރަށަކުން ކީމޯ ތެރަޕީއާއި، ޑައިލަސިސްއާއި، އެމްއާރުއައި އަދި ސީޓީ ސްކޭންފަދަ ޚިދުމަތްތައް ލިބިދީ، އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުންފަދަ އެތައް ކަމެއް ފާހަގަކޮށްލެވެއެވެ.
އިސްލާމީ ދާއިރާ އަށް ބަލާއިރު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ މަންފާ ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދެއްވުމަށް "މޯލްޑިވްސް ޒަކާތު ހައުސް" އިފްތިތާޙް ކުރެއްވުމާއި، އިސްލާމީ ކަންކަމަށް ދާއިމީ އާމްދަނީ ހޯދުމަށްޓަކައި މާލެއާއި އަތޮޅުތަކުގައި ވަޤުފު ބިނާ އެޅުމުގެ މަސައްކަތް ފެއްޓެވުމާއި (މީގެ ތެރޭގައި "ދާރުލް އީމާން" އަދި "ދާރުލް އަރުޤަމް" ފަދަ މަޝްރޫޢުތައް ހިމެނޭ)، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، އަދި މިސްކިތްތައް މަރާމާތުކުރުމަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުކުރެއްވުމާއި، ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ސަރުކާރުގެ ހޭދަގައި ޙައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސަވައި، ފުރަތަމަ ބުރުގައި 50 މީހުން ޙައްޖަށް ފޮނުއްވުމާއި، ކޮންމެ ރަށެއްގައި ޤުރުއާން ސެންޓަރެއްގެ ގޮފި އެޅުމުގެ މަސައްކަތް ފެއްޓެވުމާއި، ޤުރުއާން މުބާރާތްތަކުގެ އިނާމުތައް ބޮޑުކުރެއްވުމާއި، ހާފިޒުންގެ އިނާޔަތް ބޮޑުކުރަށްވައި މިސްކިތު ޚިދުމަތްތެރީންގެ އިނާޔަތްތައް ބޮޑުކުރަށްވައި، ޒުވާން ޚަތީބުންނާއި އިމާމުންގެ ޖީލެއް އުފެއްދެވުންފަދަ ގިނަ މަސައްކަތްތަކެއް ފާހަގަކޮށްލެވެއެވެ.
ތަޢުލީމީ ރޮނގުން ބަލާއިރު، ޤުރުއާން ހިތުދަސް ޙާފިޡުންނަށާއި ދީނީ ދާއިރާއިން ކުރިއަށްދާ ކުދިންނަށް ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ޚާއްޞަ ސްކޮލަރޝިޕްތަކެއް ތަޢާރަފްކުރެއްވުމާއި، ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަށް "ތަރިކަ" މަޝްރޫޢުގެ ދަށުން ތަޢުލީމީ މަންހަޖުގެ ތެރެއިން ދިވެހިބަހާއި، އިސްލާމްދީނާއި، ސަގާފަތަށް ދޭ ސަމާލުކަން އިތުރުކުރެއްވުމާއި، ކޮންމެ ސްކޫލެއް އޭސީކުރުމުގެ ކޫލް މަޝްރޫޢު ފެއްޓެވުމާއި، ދިވެހި މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫޢުއެއް ފެއްޓެވުމާއި، އުނގެނުމަށްދޭ ލޯނާއި ސްކޮލާޝިޕްގެ އުސޫލުތައް ލުއިކޮށްދެއްވުންފަދަ ގިނަ ކަންތައްތަކެއް ފާހަގަކޮށްލެވެެއެވެ.
އިޖުތިމާއީގޮތުން ބަލާއިރު، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް އައު ޤާނޫނެއް ވުޖޫދުކުރުމުގެ އިތުރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމާއި، ވޭޕް މަނާކުރެއްވުމާއި، ޖެނެރޭޝަން ބޭން ތަޢާރުފް ކުރެއްވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ ޢިނާޔަތްތައް މުރާޖަޢާކޮށް، އެފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމާއި، އައިނު އެލަވަން ބޮޑުކޮށް، އެކަމަށް ފަހި ގޮތްތަކެއް ތަނަވަސްކޮށްދެއްވުމާއި، ކޮލިޓީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، އިޖުތިމާއީ ދުޅަހެޔޮކަމަށް ގިނަ މަސައްކަތްތަކެއް ކުރަށްވާފަވެއެވެ.
ހަމަ މިއާއިއެކު އުމުރާނީ ތަރައްގީއާއި، ދަތުރުފަތުރުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ގެނެސްދީފައިވާއިރު، ޒުވާނުންނާއި އަންހެނުން ބާރުވެރިކޮށް، ޝަރުޢީ ދާއިރާ އާއި މިނިވަން މުވައްސަސާތައް ފުރިހަމަ މާނާގައި މިނިވަންކަމާއެކު ހިންގުމަށް މަގުފަހިކޮށްދީ، މިފަދަ އެތައް އެތައް ކަމެއް މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ވަނީ ކޮށްފައެވެ. މިއީ ލިޔެ ކޮޅުންލާނެ ލިސްޓެއްނޫނެވެ.
އެހެންކަމުން، ސަރުކާރުގެ ދައުރުގެ ބާކީ އޮތް ދެ އަހަރާއި ބައިގެ ތެރޭގައި، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ކެބިނެޓްގެ މި ބަދަލުތަކާއެކު އައު ހަކަތައެއް ލިބިގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ، ރައްޔިތުންގެ ޚިދުމަތުގައި ސަރުކާރުން އިތުރު ހަރުފަތްތަކަކަށް ދިއުމަށް ނެންގެވި ހިތްވަރުގަދަ ފިޔަވަޅެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
މުސްތަގުބަލުގެ އުންމީދު
4 އޭޕްރީލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަމެވެ.
މިޔަގީންކަމާއެކު ކެބިނެޓަށް ގެނައި މި ބަދަލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމަކީ، ރައްޔިތުންގެ ޚިދުމަތުގައި ސަރުކާރުން އިތުރު ހަރުފަތްތަކަކަށް ދިއުމަށް ނެންގެވި ހިތްވަރުގަދަ ފިޔަވަޅެކެވެ. މި އިސްލާޙީ ބަދަލުތަކާއެކު، ސަރުކާރުގެ "ޑެލިވަރީ" ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމުގެ ދުވެލި ހަލުވިވެ، ގައުމީ ތަރައްޤީގެ މަސައްކަތްތައް އައު އުންމީދުތަކަކާއެކު ކުރިއަށްދާނެ ކަމީ ރައްޔިތުން ކުރާ ވަރަށް ބޮޑު އުންމީދެކެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމަކީ، ރައްޔިތުންގެ ޚިދުމަތުގައި ސަރުކާރުން އިތުރު ހަރުފަތްތަކަކަށް ދިއުމަށް ނެންގެވި ހިތްވަރުގަދަ ފިޔަވަޅެކެވެ. މި އިސްލާޙީ ބަދަލުތަކާއެކު، ސަރުކާރުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ދުވެލި ހަލުވިވެ، ގައުމީ ތަރައްޤީގެ މަސައްކަތްތައް އައު އުންމީދުތަކަކާއެކު ކުރިއަށްދާނެ ކަމީ ކަށަވަރު ކަމެކެވެ. މިއީ ދިވެހި ސަރުކާރުގެ ޚިދުމަތުގެ އައު ބާބެއްގެ ފެށުމެވެ.


