ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑު: މަޖިލީހުގެ ރައީސް
17 އޭޕްރީލު 2026 - 16:10

މިހާރު ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 152ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ތަޤްރީރުކުރައްވައިފިއެވެ.
އައި.ޕީ.ޔޫގެ މިއަހަރުގެ އެސެމްބްލީގެ މައުޟޫޢު ކަމަށްވާ "އަންނަން އޮތް ޖީލުތަކަށްޓަކައި، އުންމީދު އާލާކޮށް، ސުލްޙަމަސަލަސްކަން ޤާއިމުކޮށް، އަދި އިންސާފު ކަށަވަރުކޮށްދިނުން" މި މައުޟޫޢަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސްވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation
އެމަނިކުފާނުގެ ތަޤްރީރުގައި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލުކުރުމުގެ ތެރެއިން، ރައްޔިތުން، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އަދި، ރައްޔިތުންގެ އުންމީދުތައް ނަތީޖާ ނެރެވޭފަދަ ޤާނޫނުތަކާއި، ސިޔާސަތުތަކާއި، އަދި ބަޖެޓުތަކަށް ބަދަލުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން މުހިންމު ދައުރެއް އަދާކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޞުލްޙައާއި، މަޝްވަރާއާއި، އަދި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމާއި ދުނިޔޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ ކަންކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާބޮޑު ޤައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
އަދި، އިންޞާފު ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ވަރުގަދަ ދީމިޤްރާޠީ މުއައްސަސާތަކެއް ހުރުމާއި، ޒިންމާދާރުވެރިން ޤާއިމުކުރުމާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ އިތުރުން ޤާނޫނުގެ ސިޔާދަތު ދެމެހެއްޓުމުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދީމިޤްރާޠީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، ޤާނޫނު ހެދުމުގެ މަރުޙަލާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި މަޖިލީހުގެ މަސައްކަތްތަކަށް ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރެވުނު 'އީ-ޕެޓިޝަން' ނިޒާމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އަދި، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި މަޝްވަރާކޮށް ގުޅިގެން މަސައްކަތްކުރުމަށް އޮތް މުހިންމު މަންސައެއްގެ ގޮތުގައި އައި.ޕީ.ޔޫގެ މުހިންމު ދައުރަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤްވާމީ ފެންވަރުގައި، ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގޮވާލެއްވިއެވެ.
މީގެއިތުރުން، މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޙަމަލާތައް ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް އިޙްތިރާމްކުރުމަށާއި، ހިނގަމުންދާ ހަމަނުޖެހުންތަކަށް ޞުލްޙަވެރި ޙައްލެއް ހޯދުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
މަޖިލީހުގެ ރައީސްގެ ތަޤްރީރު ނިންމަވާލެއްވީ، ޞުލްޙަވެރި، އިންޞާފުވެރި، އަދި އުންމީދީ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.


