"ކޮން ޕާޓީއަކަށްތޯ ތާއީދު އޮތީ ބެލުމަށް ވޯޓެއް ނެގިޔަސް، އެމްޑީޕީއަށް ރައްޔިތުން ބުނާނީ ބޮޑުތަނުން ނޫނެކޭ"
19 އޭޕްރީލު 2026 - 18:02

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވުނު ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ގޮނޑިތަކެއް ލިބުނަސް އެއީ އެމްޑީޕީއަށް ކާމިޔާބު ލިބުނީ ނޫން ކަމަށާއި، ކޮން ޕާޓީއަކަށްތޯ ތާއީދު އޮތީ ބެލުމަށް މިހާރުން މިހާރަށް ވޯޓެއް ނެގިޔަސް ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް ބުނާނީ ބޮޑުތަނުން ނޫނެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މެމްބަރު ހުސެއިން ޝަރީފް ވިދާޅުވީ،މީގެ ކުރިން އެމްޑީޕީއަށް ރައްޔިތުން ނޫނެކޭ ބުނެފައިވަނީ އެމްޑީޕީގެ ސިޔާސަތު ވަރަށް ބޮޑަށް ބޮއްސުންލައިގެން ގޮސް މުޅި ޤައުމު އަޑިގަނޑަކަށް ދިޔުމުން ކަމަށާއި، އޭރު އެމްޑީޕީން ޤައުމަށް ދިން އަނިޔާ އާއި ޤައުމުގެ ބޮއްސުންލާފައިވާ ހާލަތު ރަނގަޅު ކޮށްފައި މިވަނީ މި ސަރުކާރުން ކަމަށެވެ.

Ad by Hajj Corporation
މީގެއިތުރުން މެމްބަރު ހުސެއިން ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓަކީ އެއްވެސް ހާލެއްގައި ސަރުކާރަށް ތާއީދު އޮތްތޯ ބަލުމަށްނެ ވޯޓެއް ނޫންކަމަށާއި،އެއީ ރައްޔިތުން ހިޔާރުކުރާ މަންދޫބުންތަކެއް އިންތިހާބު ކުރާ އިންތިހާބަކާއި،އަދި ރައްޔިތުން ކަނޑައަޅާ ރައީސަކު އިންތިހާބު ކުރާ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ކުރި ސުވާލެއްގައި،ރައްޔިތުން އެކަމާ މެދު ދެކެ ގޮތް ބެލުމަށް ސަރުކާރުން ނެގި ވޯޓެއް ކަމަށެވެ.
"އަޅުގަނޑުމެން މީ މަޖިލިސް މެމްބަރުން.އަޅުގަނޑުމެން އަދި އެ އިންތިހާބު ބާއްވައިގެން ޤާނޫނުތަކެއް ފަރުމާ ކުރެވިގެން އައި ނަމަވެސް އަޅުގަނޑުމެންގެ ރައްޔިތުން އިންތިހާބުކޮށްފައި އޮތް މުއްދަތު ދޯ ގެއްލިގެންވެސް ދާނީ.އެކަމަކުވެސް އަޅުގަނޑުމެން ރައްޔިތުންގެ މަސްލަހަތެއް އޮތީމަ ރައްޔިތުންގެ ބަހެއް ހޯދުމަށް ނެގުން ވޯޓެއް އެއީ .އެއްވެސް ހާލެއްގައި އެމްޑީޕީ އާ ގުޅުން އޮތް ކަމެއް ނޫން އެއީ.ސަރުކާރުގެ ސްޓޭންޑަކީ ދެ އިންތިހާބު އެއްކޮށްލަން. އެހެންވީމަ އެ ސްޓޭންޑަށް ދޯ އަޅުގަނޑުމެންވެސް މަސައްކަތް ކުރާނީ" މެމްބަރު ހުސެއިން ޝަރީފް
މީގެއިތުރުން މެމްބަރު ވަނީ،ރައީސުލްޖުމްޙުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ސިޔާސީ ވާދަވެރިމަުގައި ވީނަމަވެސް ނުވަތަ އިހުމާލެއް އޮތްކަމުގައި ވީނަމަވެސް، މި ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކާ އަދި ހުރިހާ ދިމާލަކުން ރަނގަޅުކުރުމަށްޓަކާ ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.
އަދި މި ސަރުކާރަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ރާވަމުން ގެންދަވާ ސަރުކާރެއްކަން މެމްބަރު ވަނީ ފާހަކޮށްފައެވެ.


