logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖާއި ޢުމްރާއަށް ޚާއްސަ ޤާނޫނެއް އެކުލަވާލަނީ

އައިޝަތު ނަޝާ
22 އޭޕްރީލު 2026 - 05:14
ޙައްޖާއި ޢުމްރާއަށް ޚާއްސަ ޤާނޫނެއް އެކުލަވާލަނީ

ޙައްޖާ ޢުމްރާގެ ޚިދުމަތް ދިނުމާއި ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކާ، ދަތުރުނުކުރެވުމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޑރ.ޝަހީމް ވިދާޅުވީ، މިފަދަ މައްސަލަތަކަށް އަދުލުވެރި ޙައްލެއް ގެނެވޭނީ އަދުލުވެރި، އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލައިގެންކަމަށެވެ.

މިޤާނޫނުގައި ޙައްޖު ކޯޕަރޭޝަންގެ ދައުރާއި އަމިއްލަ ކުންފުނިތަކުގެ ދައުރާއި، ޚިދުމަތް ދިނުމުގައި ކުންފުނިތަކުން ކުރާ ކުށްތަކަށް އަދަބުދެވޭނެ ހަރުދަނާ ނިޒާމެއް ހިމެނެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޤައުމުތަކުގައިވެސް މި ޚިދުމަތް ތަރުތީބުކޮށް، ދެމުން އަންނަނީ ޚާއްސަ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންކަމަށެވެ. މިފަދަ ކުށްތަކާއި އިޙުމާލުތައް ހުއްޓުވޭނީ ޤާނޫނުގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ޙައްގުތަކާއި ގުޅޭ ކަމެއް. ޤާނޫނެއް އޮންނަންޖެހޭ. މާދުރު ނޫން މުސްތަޤްބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނަން. މެންބަރުންގެ ތާޢީދާއެކު މިކަމަށް އަދުލުވެރި ޙައްލެއް ގެނެވޭނީ." ވަޒީރު ވިދާޅުވިއެވެ.

މިއަހަރު އަދި ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރުވެސް، ޢުމްރާއާއި ޙައްޖުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ކުންފުނިތަކުން އިހުމާލުވުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އަޅުކަމަށް ދަތުރުނުކުރެވުމާއި، އާއްމު ރައްޔިތުންގެ އެތައް ފައިސާއަކަށް އިޙުމާލުވުމުގެ މައްސަލަތަކަށް ފެންމަތިވެފައިވެއެވެ.

މިހާރު މިޚިދުމަތް ދެނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކަކާއި ޤަވާއިދުތަކެއްގެ ދަށުންނެވެ. ނަމަވެސް ޤާނޫނެއްގެ ދަށުން ޚިދުމަތް ދޭން ފެށުމުން، މައްސަލަތައް ބެލުމުގެ އޮނިގަނޑު ހަރުދަނާވެ ޒިންމާދާރުކަމާއެކު ޚިދުމަތް ދިނުމަށް މަގުފަހިވާނެއެވެ. އަދި ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެއެވެ.

ރާއްޖޭގައި ޢުމްރާގެ ޚިދުމަތް ދިނުމަށް މިހާރުވެސް ގިނަ ކުންފުނިތަކެއް ރަޖިސްޓްރީވެ އެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖާއި ޢުމްރާއަށް ޚާއްސަ ޤާނޫނެއް އެކުލަވާލަނީ ޚަބަރު | 2 ގަޑިއިރު ކުރިން