ގެދޮރުވެރިކަމަށް އެދި މިހާތަނަށް 20،000 ފޯމު ހުށަހަޅައިފި
23 އޭޕްރީލު 2026 - 11:57

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ސަރުކާރުން އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ފޯމު ހުށައެޅުމަށް ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުގައެވެ.

Ad by Hajj Corporation
ސަރުކާރުން ހުޅުވާލާފައިވަނީ 15،000 ގޯއްޗާއި 7،900 ފްލެޓެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ގޯއްޗާއި ފްލެޓަށް ހުށަޅުމަށް ހުޅުވާލުމުން މިހާތަނަށް 20،000 ފޯމް ލިބިފައިވާ ކަމަށެވެ. އަދި ޑްރާފްޓް މަރުހަލާގައި 16000 ފޯމް އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ގޯއްޗާއި ފްލެޓަށް އެދި 30،000 ފޯމް ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށެވެ.
ސަރުކާރުން ގޯއްޗާއި ފްލެޓަށް ކެޓަގަރީތައް ކަނޑައެޅުމުގައި ދިރިއުޅުމުގެ އެކި ޙާލަތްތަކަށް ރިޢާޔަތްކޮށް ކެޓަގަރީތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރަށްވެހިންގެ އިތުރުން، ޚާއްސަ ކެޓަގަރީތަކަށް ބަހާލައިގެން 2،400 ފްލެޓް ކަނޑައަޅާފައިވެއެވެ.
އިޖުތިމާޢީ ބޯހިޔާވަހިކަމުން ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ދެ ޖިންސުގެ ދަރިން ތިބޭ މީހުންނަށް ތިން ކޮޓަރީގެ ފްލެޓްތަކަށް އެޕްލައި ކުރެވޭގޮތްވެސް ވަނީ ހަދާފައެވެ. ގޯތި ދިނުމުގައިވެސް މައިމުޅަވެފައިވާ މީހުންނާއި، މާލޭގައި ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް 1،500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތައް އިޢުލާނުކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުންތަކަށްފަހު، އާއްމުންގެ ޚިޔާލަށް ބަލާ ބައެއް ކެޓަގަރީތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތްނަމަވެސް ކުރިމަތިލެވޭ ގޮތަށް "ގޯތި ގެދޮރު"ގެ ނަމުގައި ޕްރޮގްރާމެއް ވަނީ ހުޅުވާލާފައެވެ.
އަދި ނިމުނު ސަރުކާރުގައި "ގެދޮރުވެރިޔާ" ސްކީމުގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން އެއްބަސްވާ ގޮތަށް ވަކިވަކިން ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ދޭން ވަނީ ނިންމާފައެވެ. ދެން ހިމެނެނީ ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން "ބިންވެރިޔާ ސްކީމް"އަށް ކުރިމަތިނުލެވުނު ފަރާތްތަކުގެ ކެޓަގަރީއެވެ.
މިމަހުގެ 1ވަނަ ދުވަހު ވަނީ ޚާއްސަ ކެޓަގަރީއެއް ކަނޑައަޅާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ފުރުޞަތަށް ބެލެނިވެރިޔާގެ ނަމުގައި ފޯމު ހުށައެޅޭނެއެވެ.
ވީހާވެސް ގިނަ މީހުންނަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ފަހިކޮށްދީ، އަދި އިތުރުކުރި ކެޓަގަރީތަކަށް ވަގުތު ދިނުމުގެ ގޮތުން މި ސްކީމްތަކަށް މިހާރު ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ މުއްދަތު މެއި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.


