ކާބޯތަކެތީގެ އަގުތައް ނުއުފުލޭނެ: ވަޒީރު ސައީދު
24 އޭޕްރީލު 2026 - 11:21

ކާބޯތަކެތީގެ އަގުތައް ނުއުފުލޭނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީ - ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ސަޢީދު ވިދާޅުވީ، އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ، މި ދުވަސްވަރު އެތައް ގައުމެއް ތެލާއި ގޭހާއި ކާޑަށް ޖެހިފައިވީ ނަމަވެސް، ދިވެހިރާއްޖެ ތެލަކަށްވެސް، ގޭހަކަށްވެސް، ކާޑަކަށްވެސް ނުޖެހޭނެ ކަމަށެވެ.
ސަބަބެއް ކަމަށް ފާހަގަކުރެއްވީ، ގައުމުތަކުން ދިވެހިރާއްޖެއަށް ވަމުންދާ އެހީތަކާއި ބަހައްޓާ ދީލަތިކަމެވެ. އޭގެ މައިގަނޑު އަސްލަކީ ދިވެހިރާއްޖެއަކީ 100 އިންސައްތަ އިސްލާމީ ގައުމަކަށްވުން ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވަނީ ގޭހުގެ އަގު ބޮޑުވިޔަކަ ނުދޭނެ ކަމަށާއި، ކާބޯތަކެތީގެ އަގުތައް ނުއުފުލޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ބާޒާރުގައި ކާބޯތަކެއްޗަށާއި ތެލަށާއި ގޭހުގެ އަގުތަކަށް އަންނަ ބަދަލުތައް އެއްވެސް ގައުމަކަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި ނަމަވެސް އެ ބުރަ ރައްޔިތުންނަށް ވީހާވެސް ކުޑަކޮށް ނަގަންޖެހޭގޮތަށް ސަރުކާރުން ކަންކަން ރާވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ވެރިކަމުގައި މާލޭގެ ވިޔަފާރި ބަނދަރު މާލެއާ ކައިރި ތިލަފުށްޓަށް ބަދަލުވެ، އިގުތިސާދަށް ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
ހަމަ އެހެންމެ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ ވެރިމީހާގެ ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ރީތިކޮށް ކުރާ ވެރިކަމެއްގެ ނަތީޖާކަން ވެސް ފާހަގަކުރެއްވިއެވެ.


