ސުއިސައިޑް ތަކުގެ ވާހަކަ ގެނެސްދެވޭ ގޮތުން އެފަދަ ހާދިސާތައް އިތުރުވޭ: ޑރ. މުހައްމަދު ޢަލީ
24 އޭޕްރީލު 2026 - 19:45

ސުއިސައިޑް ނުވަތަ އަމިއްލައަށް މަރުވުމުގެ ހާދިސާތަކުގެ ވާހަކަ މީޑިއާތަކާއި ސޯޝަލް މީޑިއާގައި ގެނެސްދެވޭ ގޮތުގެ ސަބަބުން، އެފަދަ ކަންކަން އިތުރުވުމަށް މަގުފަހިވާ ކަމަށް ރާއްޖޭގެ މަޝްހޫރު ފިޒިޝަން ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.
ޑރ. މުޙައްމަދު ޢަލީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިޕްރެޝަނަކީ ބައްޔެއް ކަމަށާއި، އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ ހިސާބަށް މީހާ ދަނީ އަމިއްލަ އިޚުތިޔާރުގައި ނޫން ކަމަށެވެ. އެހެންކަމުން، މުޖުތަމަޢުގައި ހިނގާ މިފަދަ ހާދިސާތަކުގެ ވާހަކަ ނޫސްވެރިންނާއި ކަމާބެހޭ ފަރާތްތަކުން ގެނެސްދޭން ޖެހެނީ ވަރަށް ބޮޑަށް ވިސްނައިގެން، ތަފާތު ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
"ސުއިސައިޑް ތަކުގެ ވާހަކަ ގެނެސްދެވޭ ގޮތުން ސުއިސައިޑް ވާ މީހުން އިތުރުވޭ. ސޯޝަލް މީޑިއާ ޕޯސްޓުތައް ޝެއަރ ކުރާއިރު މިކަމާ ވިސްނާ،" ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ "ސުއިސައިޑް ކޮންޓޭޖިއަން" (suicide contagion) ނުވަތަ އެކަކު ކުރާ ކަމަކުން އަނެކަކަށް އެކަމުގެ އަސަރުކޮށް، އެކަން ތަކުރާރުވުމަކީ ހަގީގަތެއް ކަމަށެވެ.
މި ފަދަ މައްސަލައާ ގުޅިގެން ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ވުޒާރާއިން ބުނީ ސޯޝަލް މީޑިއާގައި ފަތުރާ ޚަބަރުތަކާއި މަޢުލޫމާތުތަކުގެ ސަބަބުން، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރާނެ ކަމަށެވެ.
އެހެންކަމުން، ހަޤީގަތާ ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ނުފެތުރުމަށް ސިއްޙީ ވުޒާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރުމަށް އެ ވުޒާރާއިން ވަނީ ގޮވާލާފައެވެ.


