ސަޢޫދީ ޢަބިއްޔާއިން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
26 އޭޕްރީލު 2026 - 05:00

ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް މިއަހަރު ހަދިޔާކުރި ކަދުރު ގޭބިސީތަކަށް ބަހަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއިން ބުނީ ސިޓީތަކާއި، ރަށްރަށުގައި ކަދުރު ބަހާނީ އެ ސިޓީއަކަށް ނުވަތަ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ކަމަށެވެ.
އެ ގޮތުން ސިޓީތަކާއި، ރަށްރަށަށް އަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕަކެޓް ކަދުރުގެ ރޭޓުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ބުނި ގޮތުގައި މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ.
މިގޮތުން ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓް މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ކަދުރު ބަހާނީ މިއަދުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:30 އިން މެންދުރު 1:00 އަށެވެ.

Ad by Hajj Corporation


