ތާށިވެފައި ހުރި 2500އަށްވުރެ ގިނަ ކޮންޓައިނަރ އަންނަ ހަފުތާގައި ރާއްޖެ ގެންނާނެ: ވަޒީރު ސަޢީދު
29 އޭޕްރީލު 2026 - 13:12

ތާށިވެފައި ހުރި 2500އަށްވުރެ ގިނަ ކޮންޓައިނަރ އަންނަ ހަފުތާގައި ރާއްޖެ ގެންނާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ހިރާސްތައް ދެނެގަނެ ވިލަރެސްކުރުމަށް އުފައްދާފައިވާ ކޮމިޓީގެ މަސައްކަްތަކުގެ އަދާހަމަ ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޝިޕިން ރޫޓުތަކަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް މުދާ ގެނައުމަށް ހުރި ދަތިތައް މަދުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް - އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި ލޯޑު ކުޑަކުރެވިގެންދާނެ ކަމަށެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސްރީލަންކާގައި މިވަގުތު ތާށިވެފައި ހުރި 2500އަށްވުރެ ގިނަ ކޮންޓަނަރގެ ތަކެތި އަންނަ ހަފުތާގައި ރާއްޖެއަށް ގެންނާނެ ކަމަށެވެ.
މިގޮތުން 2500އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި 3 ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެތެރެކުރި މުދަލުގެ އަދަދު 19 އިންސައްތައާއި 20 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، މިދިޔަ މާރިޗު މަހު އަސާސީ ކާބޯތަކެތީގެ ޕްރައިސް އިންޑެކްސް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވަނީ 1.95 އިންސައްތަ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން، އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ މޭވާއާއި ތަރުކާރީގެ އަގުތައް ކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު ތަރުކާރީގެ އަގު 5 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށާއި، ޖުމްލަކޮށް މޭވާގެ އަގު 15.56 އިންސައްތައަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

Ad by Hajj Corporation


