ހައި އެޗީވާސް ސްކޯލާޝިޕަށާއި ރައީސްގެ އެވޯޑަށް ކުރިމަތިލާން ހުޅުވައިލައިފި
1 މޭ 2026 - 04:57

ހައި އެޗީވާސް ސްކޮލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވައިލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޕޯސްޓެއްގައިވަނީ، 2025ވަނަ އަހަރުގެ ހައި އެޗީވާސް ސްކޯލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

Ad by Hajj Corporation
އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، "ކުރި" ޕޯޓަލް މެދުވެރިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރޝިޕްގެ އުސޫލަށް މީގެ މަހެއްހާ ދުވަސް ކުރިން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕްގައި ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ވަނީ ހަޖައްސާފައެވެ. އަދި ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން ވަނީ ހަމަޖައްސާފައެވެ. މިބަދަލުގެ ދަށުން ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މި އުސޫލުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން 4 އަހަރާއި، 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ.
މީގެ އިތުރުން ސްކޮލާޝިޕް ލިބުމުގެ ޝަރުތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ކުރީގެ އުސޫލުގެ ދަށުން ފަސް މާއްދާއިން އޭ ހޯދައިގެން އެ ސްކޮލާޝިޕް ލިބުނު ނަމަވެސް، މިހާރު ތިން މާއްދާއިން އޭ އަދި ދިވެހި އިސްލާމުން އޭ ސްޓާ ހާސިލުކުރަންޖެހެއެވެ.
މި ސްކޮލާޝިޕް ހާއްސަކޮށްފައި ވަނީ ފުލްޓައިމްކޮށް ކިޔަވާ ދަރިވަރުންނަށެވެ. ބެޗްލާސް ޑިގްރީ އާއި މެޑިސިން އަދި ޑެންޓިސްޓްރީގެ އިތުރުން، ބެޗްލާސް ޑިގްރީއާ އެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމްތަކަށް ވެސް މި ސްކޮލާޝިޕް ލިބެއެވެ.


