މާލޭގައި ޚާއްޞަ ހިނގާލުމެއް ބާއްވައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކޮށްފި
1 މޭ 2026 - 17:40

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ޚާއްޞަ ހިނގާލުމެއް ކުރިއަށް ގެންގޮސްފިއެވެ. މި ހިނގާލުން ކުރިއަށް ދިޔައީ އާޓިފިޝަލް ބީޗް ސަރަހައްދުން ފެށިގެން މަޖީދީމަގުން ގޮސް ރަސްފަންނާ ހަމައަށެވެ.

Ad by Hajj Corporation
މި ހިނގާލުމުގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވަޒީފާދޭ ފަރާތްތަކާއި ޓްރޭޑް ޔޫނިއަންތަކާއި ސިވިލް ސާވިސްގެ ފަރާތްތަކުން ބައިވެރިވިއެވެ. ސަރުކާރުގެ ބައެއް ވަޒީރުން ވެސް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަސްފަންނު ސަރަހައްދުގައި މައުރަޒާއި މައުލޫމާތާއި ޚިދުމަތް ދޭ ބޫތުތައް ބެހެއްޓިއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ މަސައްކަތްތެރިންގެ އަގު ވަޒަންކުރުމާ އެކު ހޭލުންތެރިކަން އިތުރުކުރުމާއި އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށް ބާރުއެޅުމެވެ. މި އަހަރުގެ ޝިޢާރަކީ "އިޙްތިރާމް، ބަލައިގަތުން، ޙައްޤުތައް" މިއެވެ. މި ޝިޢާރުން ހުރިހާ މަސައްކަތްތެރިންނަށް އިޙްތިރާމްކުރުމާއި އެ ފަރާތްތަކުގެ ހިއްސާ ބަލައިގަތުމާއި ޙައްޤުތައް ހިމާޔަތްކުރުމަށް ބާރުއަޅައެވެ.
ދުނިޔޭގައި މަސައްކަތްތެރިންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1889 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި މި ދުވަސް ފާހަގަކުރަން ފެށީ 2006 ވަނަ އަހަރުން ފެށިގެންނެވެ. ސަރުކާރުން ގެންދަވަނީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދީ މަސައްކަތްތެރިންނަށް ފަހި ފުރުޞަތުތައް ހޯދައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


