މަރާމާތުކުރުމަށް ކޮންމެ ދުވަހަކު ސަލްޓަންޕާކު ބަންދުވާނެ
3 މޭ 2026 - 18:00

ސަލްޓަންޕާކު މަރާމާތުކުރުމަށް ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އެ ޕާކު ބަންދުވާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ، ސަލްޓަންޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުމަށްޓަކައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އެ ސަރަޙައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ވުޒާރާއިން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.

Ad by Hajj Corporation
ސަލްޓަން ޕާކު ހަލާކުވެ ވީނާރާވަމުން ދިއުމާ ގުޅިގެން ސަރުކާރުން އާބާތުރަފިލުވުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ދުވަސްވަރު ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ބަންދުކޮށްގެން މަރާމާތު ކުރުމަށްފަހު، ޢީދު ދުވަހާ ދިމާކޮށް އެ ސަރަހައްދުތައް ވަނީ އަލުން ހުޅުވާފައެވެ. ނަމަވެސް މިހާރު ކުރިއަށްދަނީ އެ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެވެ.
މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަޙައްދުތަކުގެ އާބާތުރަ ފިލުވުން ހިމެނެއެވެ. މީގެއިތުރުން، ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން އިށީންނާނެ ބެންޗުތައް ހެދުމާއި، ކޮންކްރީޓް ފްލޯ މަރާމާތުކުރުމާއި، ގާޑަން އަދި ސީސީޓީވީތައް ރަނގަޅުކުރުމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.
މާލެ ސަރަޙައްދުގައި އާއިލާތަކުން ކުޑަކުދިން ގޮވައިގެން ހިތްހަމަޖައްސާލަން ދާން އޮންނަ މަދު ސަރަޙައްދުތަކުގެ ތެރޭގައި ސަލްޓަން ޕާކު ހިމެނޭއިރު، މިއީ ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލު ތަނެކެވެ.
ސަރުކާރުން ދަނީ މާލޭގެ އެހެން މައިޒާންތައްވެސް ތަރައްޤީކުރަމުންނެވެ. އެގޮތުން ރަސްފަންނުގެ އާބާތުރަފިލުވާ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން މިހާރުވެސް ދަނީ ކުރިއަށްގެންދަމުންނެވެ.


