logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީ ސަރުކާރުތަކުގެ ބިލިއަން ޑޮލަރުގެ ދަރަނި ދެއްކި ނަމަވެސް ރައްޔިތުންނަށް ދަތިނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ

ކުރީ ސަރުކާރުތަކުގެ ބިލިއަން ޑޮލަރުގެ ދަރަނި ދެއްކި ނަމަވެސް ރައްޔިތުންނަށް ދަތިނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ

ކުރީގެ ސަރުކާރުތަކުން ނެގި ލޯނުތައް އަނބުރާ ދައްކަމުން ދާ އިރުވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މައި ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަސްވަރު ހަ މަހެއް ނުހިފެހެއްޓޭނެ ކަމަށާއި ގައުމު ބަނގުރޫޓުވާނެ ކަމަށް ބަޔަކު ވާހަކަ ދެއްކި ނަމަވެސް ހަގީގަތް ތަފާތު ކަމަށެވެ. އެގޮތުން މިދިޔަ މަހު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކާފައިވާ ކަމަށާއި އެ ދަރަންޏަކީ މި ސަރުކާރުން ނެގި ދަރަންޏެއް ނޫން ކަމަށާއި އެއީ ކުރީގެ ވެރިކަންތަކުގައި ނަގާފައި ހުރި ދަރަނި ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބޮޑު ދަރަނި ދެއްކި ނަމަވެސް މިދިޔަ މަސް ނިމުމާ އެކު މުވައްޒަފުންނަށް މުސާރަ ލިބިގެން ދިޔަ ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް ކެއިންބުއިމަށް ބޭނުންވާ ސާމާނު ލިބެމުންދާ ކަމަށާއި އުނު އޮރިޔާން ނިވާކުރެވިފައިވާ ކަމަށާއި އަސާސީ ހިދުމަތްތައް ލިބެމުންދާ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައްވެސް ހިނގަމުންދާ ކަމަށް ވިދާޅުވެ، އެ ސަބަބުތަކަށްޓަކައި 2028 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒާ ގުޅުވައިގެން ޒާތީ ގޮތުން ދައްކާ ވާހަކަތަކަކީ އެމަނިކުފާނުގެ އަބުރު ކަތިލުމުގެ ބޭނުމުގައި ދައްކާ ވާހަކަތައް ކަމަށާއި ސަރުކާރާއި ރައްޔިތުންގެ ގުޅުން ބަދަހިވާ މަންޒަރު ފެނުމުން އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަ ދައްކަނީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކާ ފަރާތްތަކާ ގުޅޭ ގޮތުން ވިދާޅުވީ އެ ފަރާތްތަކުން އެ ވާހަކަ ދައްކަނީ ގައުމަށް ހެޔޮ އެދިގެން ނޫން ކަމަށާއި އެކަމުގެ ފަހަތުގައި ވަނީ އަމިއްލަ އެދުން ކަމަށެވެ. ޕީއެންސީ ބައިބައިކޮށް ފިތުނަ އުފައްދަން އިދިކޮޅުން މަސައްކަތް ކުރާނެ ކަމަށާއި އެކަން ދެނެތިބެ ކުރިއަށް ދިއުމަށްވެސް އަބްދުއްރަހީމް ގޮވައިލެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީ ސަރުކާރުތަކުގެ ބިލިއަން ޑޮލަރުގެ ދަރަނި ދެއްކި ނަމަވެސް ރައްޔިތުންނަށް ދަތިނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެޚަބަރު | ގަޑިއިރެއް ކުރިން