ގައުމީ ކުތުބުހާނާގެ ގޮފިތައް ހަ ރަށެއްގައި ގާއިމުކުރަން ތައްޔާރުވަނީ
9 މޭ 2026 - 04:12
އަތޮޅުތަކުގައި ގައުމީ ކުތުބުހާނާގެ ގޮފިތައް ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން ހަ ރަށެއްގައި ކުތުބުހާނާ ގާއިމުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation
އެކަމަނާ މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ހީނާ ވިދާޅުވީ، ގައުމީ ކުތުބުހާނާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަޝްރޫއަކީ ސިޓީތަކުގައި ޒަމާނީ ލައިބްރަރީތައް ގާއިމުކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ޝައުގުވެރިކަން ޒުވާން ޖީލުތަކުގައި އަށަގެންނެވުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް އިމާރާތްކުރުމަށް ބިންގާ އެޅި، މަސައްކަތް މިހާރު ކުރިއަށް ދެއެވެ. މީގެ އިތުރުން މި އަހަރު ތެރޭ ލައިބްރަރީ ގާއިމުކުރެވޭނެ ތަންތަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިމާރާތުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދެވޭނެ ހަ ރަށެއް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އެ ރަށްތަކަކީ ހއ. އިހަވަންދޫ، ހއ. ކެލާ، ނ. ކެނދިކުޅުދޫ، އދ. މަންދޫ، ދ. މީދޫ އަދި ތ. ބުރުނީއެވެ.
ފުވައްމުލައް އަދި އައްޑޫ ސިޓީގައި ގައުމީ ކުތުބުހާނާގެ ގޮފި ގާއިމުކުރުމަށްޓަކައި މިހާރު އިމާރާތްކުރުމަށްޓަކައި ބިންގާ އެޅި މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވި ގޮތުގައި، އަދި 2026 ވަނަ އަހަރު ގާއިމުކުރާ ލައިބްރަރީތަކުގެ، ރަށްރަށުގައި ހުރި އިމާރާތްތައް ބަދަލުކޮށްގެން ލައިބްރަރީތައް ގާއިމުކުރެވިދާނެ ތަންތަން ބަލައި، އެގޮތުން އިމާރާތް އެންމެ އަވަހަށް ކުރިއަށްގެންދެވިދާނެ ފާހަގަކުރެވިފައިވާ 6 ރަށެއްގައި ކުރަން ހުރި ކަންކަން ކުރުމަށްޓަކައި މިހާރު މަސައްކަތް ފަށާފައިވެއެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މާއްދީ ތަރިކަތަކާއި މައުނަވީ ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތެއް ތަންފީޒުކުރުމުގެ މަސައްކަތްކުރަމުންނެވެ.


