ސިފައިންނަށް ޚާއްޞަ ހައުސިންގ މަޝްރޫޢެއް މި އަހަރު ފަށަނީ
9 މޭ 2026 - 18:28

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، ބަނޑޭރިކޮށި ސަރަހައްދުގައި ޒަމާނީ ހައުސިންގ މަޝްރޫޢެއް ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭންޖެހޭ އަސާސީ ޙައްޤެއްކަން ފާހަގަކުރައްވައި، ސިފައިންނަށް އެ ޙައްޤު ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބަނޑޭރިކޮށީގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ ސިފައިންގެ ބޯހިޔާވަހިކަމަށް ޚާއްޞަކުރެވިފައިވާ ތަނަކަށް ވީނަމަވެސް، އެތަނުގެ މިހާރުގެ ފެންވަރަކީ އާއިލާތައް ދިރިއުޅުމަށް އެންމެ އެކަށީގެންވާ މާޙައުލެއް ނޫންކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ސިފައިންނަށް ކަނޑައަޅާފައިވާ ކޯޓާއަކީ އެންމެ އެކަށީގެންވާ މިންވަރު ނޫންކަމަށެވެ. އަދި ސިފައިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ސިފައިންގެ އަހަރީ ދުވަހަކީ 21 އެޕްރިލް އެވެ. އެންމެ ފުރަތަމަ ސިފައިންގެ އަހަރީ ދުވަސް ފާހަގަކޮށްފައިވަނީ 16 ރަޖަބް 1366 ގައެވެ. އެއީ މީލާދީން 06 ޖޫން 1947 އެވެ.


