ސިފައިންގެ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި
9 މޭ 2026 - 18:59

ދިވެހި ސިފައިންގެ ފަންނީ ހުނަރާއި ޢިލްމީ ޤާބިލުކަން އިތުރުކުރުމަށްޓަކައި އަލަށް އުފެއްދި "ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް" ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ސްކޫލް އިފްތިތާޙުކޮށްދެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.

Ad by Hajj Corporation
ބ. ކިހާދޫގައި ހިންގާ މި ސްކޫލަކީ ދިވެހި ސިފައިންގެ ޚިދުމަތުގެ "ސަރވިސް ކޯ" ގެ ދަށުން ހިންގާ މަރުކަޒެކެވެ. މި މަރުކަޒުގެ މައިގަނޑު މަޤްޞަދަކީ ސިފައިންގެ ތެރޭގައި އިންޖިނޭރިންގް އަދި ލޮޖިސްޓިކްސްގެ ދާއިރާއިން ފަންނީ މީހުން ބިނާކޮށް، ޢިލްމީ ގޮތުން ސިފައިންގެ ޤާބިލުކަން އިތުރަށް ވަރުގަދަކުރުމެވެ.
ސްކޫލް އިފްތިތާޙުކޮށްދެއްވުމަށްފަހު، ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހި ސިފައިންގެ ޚިދުމަތް ޒަމާނީކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފަންނީ ފައުޖެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިހާރުވެސް ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 65 ދަރިވަރުން މި ސްކޫލުގައި ތަމްރީނު ފުރިހަމަކުރަމުންދާއިރު، އޭގެ ތެރޭގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ 49 ފިރިހެން ކުދިންނާއި 16 އަންހެން ކުދިން ހިމެނެއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ލެވެލް 3 ގެ ފެންވަރަށް ކުރިއަށްގެންދާ މި ކޯސްތައްް އެކި ދާއިރާތަކުން ކުރިއަށް ގެންދެއެވެ. އެގޮތުން، އޮޓޯމޮބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިން، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިން އަދި އޮފީސް މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.
މި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި، ސިފައިންގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.


