ޑިސެމްބަރުން ފެށިގެން ތިން ޓެކުހެއް ބޮޑު ކުރަނީ
ފިނޭންސް މިނިސްޓްރީ -- ފޮޓޯ/ އަވަސް
13 އޮކްޓޯބަރު 2024 - 18:15
ތިން ޓެކުހެއް ބޮޑު ކުރަން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިިފިއެވެ.
ސަރުކާރުން ބޮޑު ކުރަން ނިންމާފައިވަނީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޑެވެލޮޕްމަންޓް ފީއެވެ.
އެގޮތުން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކޮށް، ގްރީން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެއާޕޯޓް ޑެވެލޮޕްމަންޓް ޓެކްސް އަދި ޑިޕާޗާ ފީގެ ގޮތުގައި ނަގާ އަދަދުތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަކީ:
- އިކޮނޮމީ ކުލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ 30 ޑޮލަރު 50 ޑޮލަރަށް އިތުރުކުރުން
- ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީން އަދި ބިދޭސީންގެ އަތުން ނަގާ 60 ޑޮލަރު 120 ޑޮލަރަށް އިތުރުކުރުން
- ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހީން އަދި ބިދޭސީންގެ އަތުން ނަގާ 90 ޑޮލަރު 240 ޑޮލަރަށް އިތުރުކުރުން
- ޕްރައިވެޓް ޖެޓްތަކުން ދަތުރުކުރާ ދިވެހީން އަދި ބިދޭސީންގެ އަތުން ނަގާ 120 ޑޮލަރު، 480 ޑޮލަރަށް އިތުރުކުރުން
މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި ފަތުރުވެރިންގެ އަތުން ނަގަން ހުށަހަޅާ އަދަދުތަކަކީ:
- 50 ރޫމަށް ވަރު މަދު ކޮޓަރި ހުންނަ ގެސްޓް ހައުސްތަކުން ނަގާ 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަަރަށް އިތުރުކުރުން
- އެ ނޫން ހުރިހާ ފަތުރުވެރިކަމުގެ ތަންތަނުން ނަގާ 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރަށް އިތުރުކުރުން.
ފިނޭންސް މިނިސްޓްރީން އެ ބަދަލުތައް ގެނައުމަށް ހުށަހަޅާފައިވަނީ:
- ގްރީން ޓެކްސް: 1 ޖެނުއަރީ 2025 އިން ފެށިގެން
- އެއާޕޯޓް ޑެވެލޮޕްމަންޓް ޓެކްސް އަދި ޑިޕާޗާ ފީ: 1 ޑިސެމްބަރު 2024 އިން ފެށިގެން
- ޓީޖީއެސްޓީ: 1 ޖޫން 2025 އިން ފެށިގެން.
މިނިސްޓްރީން ދެކޭ ގޮތުގައި، އެ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވާނެއެވެ. އެގޮތުން އެއާޕޯޓް ޑެވެލޮޕްމަންޓް ޓެކްސް އަދި ޑިޕާޗާ ފީގެ ގޮތުގައި މި އަންނަ އަހަރު 1.5 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭއިރު، ގްރީން ޓެކްސްގެ ގޮތުގައި މި އަންނަ އަހަރު 963.6 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި 201.9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމުގައި އަންދާޒާކުރެވެއެވެ.
މި ބަދަލުތައް ގެނައުމަށް މާދަމާ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.