2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކަނީ
03 އޮކްޓޯބަރު 2024 - 05:44
ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 2.4 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ނިންމައިފިއެވެ.މާލީ ވުޒާރާއިން ވިއްކުމަށް ނިންމާފައިވަނީ ޖުމްލަ 2.4 ބިލިޔަން ރުފިޔާގެ 4 ޓީބިލެކެވެ. ޓީ- ބިލް ވިއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.
ޓީ-ބިލްތަކުގެ ތަފްސީލު:
• 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 289 މިލިޔަން ރުފިޔާގެ ޓީ-ބިލް• 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 277 މިލިޔަން ރުފިޔާގެ ޓީ-ބިލް• 82 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 872 މިލިޔަން ރުފިޔާގެ ޓީ-ބިލް• 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 995 މިލިޔަން ރުފިޔާގެ ޓީ-ބިލް
ސަރުކާރުގެ ޚަރަދުތައް ހަމަޖައްސުމަށް 2.4 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ނިންމާފައިވާއިރު، ސަރުކާރުން ދަނީ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރާއްވަމުންނެވެ. އެގޮތުން އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތައް މުރާޖަޢާކުރުން، ސިއްޙަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން، ޖީއެސްޓީ އިދާރީ ޤާނޫނު މުރާޖަޢާކޮށް ޓެކްސް ބޭސް ފުޅާކުރުން، ގްރީން ޓެކުހުގެ ރޭޓުތައް މުރާޖަޢާކުރުން އަދި އިޤްތިސާދަށް ތަފާތު ޙަރަކާތްތައް އިތުރުކުރުން ހިމެނެއެވެ.