ޚަރަދުތައް ހަމަޖެއްސުމަށް 3.3 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކައިފި
19 ސެޕްޓެމްބަރު 2024 - 08:36
ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 3.3 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކައިފިއެވެ.
މާލީ ވުޒާރާއިން ވިއްކާފައިވަނީ ޖުމްލަ 3.3 ބިލިޔަން ރުފިޔާގެ 4 ޓީބިލެކެވެ.
ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.ސަރުކާރުގެ ޚަރަދުތައް ހަމަޖައްސުމަށް 3.3 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކާފައިވާއިރު، ސަރުކާރުން ދަނީ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރާއްވަމުންނެވެ. އެގޮތުން އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތައް މުރާޖަޢާކުރުން، ސިއްޙަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން، ޖީއެސްޓީ އިދާރީ ޤާނޫނު މުރާޖަޢާކޮށް ޓެކްސް ބޭސް ފުޅާކުރުން، ގްރީން ޓެކުހުގެ ރޭޓުތައް މުރާޖަޢާކުރުން އަދި އިޤްތިސާދަށް ތަފާތު ޙަރަކާތްތައް އިތުރުކުރުން ހިމެނެއެވެ.