މަޖިލިހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން މާދަމާ ހުށަހަޅަނީ
13 މޭ 2026 - 09:58

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް ހުށަހަޅަން ނިންމައިފިއެވެ.
މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތް ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ މަޖިލިހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެ ބައްދަލުވުމުގައި ނާޒިމް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެގޮތަށް ފާސްކުރުމާއެކީގައި ނާޒިމް ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ހޯދަން ފެށިއެވެ.

Ad by Hajj Corporation
އަދި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން ނިންމާލިތާ ކުޑައިރުކޮޅެއް ތެރޭގައި ޕީއެންސީގެ 40 އަށް ވުރެ ގިނަ މެމްބަރުން ވަނީ ސޮއިކުރައްވައިފައެވެ.
މަޖިލިހުގެ ގަވާއިދުގައި އޮތް ގޮތުން މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ. ނައިބު ރައީސް ވަކިކުރެވޭނީ މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިދިޔަ މަހު މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އެ ގޮތުން، މިދިޔަ މަހު 21 ގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އެކަމަކު، އޭނާ ހިމެނިވަޑައިގަންނަވާ އެސްއޯއީ ކޮމިޓީން ވަތްކެއް ނުކުރެއެވެ.


