logo
Bank of Maldives

Bank of Maldives

ޚަބަރު

38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް 3،000 އަށްވުރެ ގިނަ މީހުން ނަން ހުށަހަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 މޭ 2026 - 06:31
38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް 3،000 އަށްވުރެ ގިނަ ނަން

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވިއިރު، މުބާރާތުގައި ބައިވެރިވުމަށް 3،058 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތަކީ ޢުމުރުން 26 އަހަރު ނުފުރޭ، ޝަރުތު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަން ބުރާއި، ސެމީ ފައިނަލް ބުރުގެ އިތުރުން ފައިނަލް ބުރެވެ.

އޮޑިޝަން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. ފޯމު ހުށަހަޅާފައިވާ ބައިވެރިންނަށް އެ ފަރާތަކަށް ހާޒިރުވާން އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ އޮޑިޝަންގެ ކޮންމެ ކެޓަގަރީއަކުން %80 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ދަތުރުކުރާނީ ސެމީ ފައިނަލުން %85 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 ބައިވެރިންނެވެ.

މުބާރާތުގެ ފައިނަލް ބުރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތަކުން މާލެ އަންނަ ބައިވެރިންނަށް އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މުބާރާތް ކުރިއަށްދާނީ ޙާފިޡުންގެ ބައިގެ އިތުރުން 8 ޢުމުރުފުރާއަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ވަނަވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިނާމު ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި އަހަރުގެ މުބާރާތުގެ އެކި ބައިތަކުން އެއްވަނަ ހާސިލުކުރާ ފަރާތްތަކަށް، އެ ފަރާތަކުން ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕެއް ދެއްވުމަށް ވަނީ ނިންމަވާފައެވެ. މިއީ ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް 3،000 އަށްވުރެ ގިނަ ނަންޚަބަރު | 2 ގަޑިއިރު ކުރިންދިވެހި ޙައްޖުވެރިންގެ ދެ ވަނަ ގުރޫޕު ފުރައިފިޚަބަރު | 2 ދުވަސް ކުރިންމިއަހަރުވެސް ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބޭނެ!ޚަބަރު | 5 ދުވަސް ކުރިންމައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީގެ ބޭފުޅުން ރާއްޖެއަށް ޚަބަރު | 9 ދުވަސް ކުރިން