ފަތުރުވެރިކަމަށް ލިބެމުންދާ ހީނަރުކަމުން އަރައިގަތުމުގެ މަސައްކަތް ކާމިޔާބު: ވަޒީރުންގެ ޚާއްޞަ ކޮމިޓީ
19 މޭ 2026 - 16:44

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމަށް ލިބެމުންދާ ހީނަރުކަމުން އަރައިގަތުމުގައި ކާމިޔާބީ ލިބެމުންދާކަމުގައި، އެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ހާމަކުރައްވައިފިއެވެ. އެ ކޮމިޓީއިން އެ މަޢުލޫމާތު ހިއްސާކުރައްވާފައިވަނީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، މާރިޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 22.5 އިންސައްތަ ދަށަށް ގޮސްފައިވާކަމަށާއި، އެޕްރީލް މަހު މި ނިސްބަތް 26.5 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް، މި ނިސްބަތް ހުރީ 8.9 ގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާލަތުގައި، ފަތުރުވެރިކަން ދަށަށް ދާ މިންވަރުގެ ފަރަގު، މިހާ ބޮޑަށް ކުޑަކުރެވުން އެމަނިކުފާނު ސިފަކުރެއްވީ ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ، ކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކާއި، މުއައްސަސާތަކާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާޢަތުން އެކުގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މޯލްޑިވިއަން އިން އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ނިންމެވި ނިންމެވުން މިހާރު ވެގެންގޮސްފައިވަނީ، ހައްސާސް ޙާލަތެއްގައި އިޤުތިޞާދީ ގެއްލުން މިޓިގޭޓްކުރުމަށް ރާއްޖޭގެ އަމިއްލަ ޤާބިލިއްޔަތު އިތުރުވެގެންދިޔަ، ޙިކުމަތްތެރި ނިންމެވުމަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވަނީ، މަސްވެރިންނަށް މަސްކަނޑަށް ނިކުމެވޭވަރު ކޮށްދެއްވަމުން ގެންދަވާކަން ހާމަކުރައްވައި، ތެލުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނޭ ބިނާރު ޤާއިމުކުރެވި، އޭގެ ފައިދާ ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން އަތޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ލޮޖިސްޓިކަލް ދަތިކަން ހުރިކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ، އެކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި މަސް ޕްރޮސެސް ކުރާ ކުންފުނިތަކުގެ އޮޕަރޭޝަނަލް ކޮސްޓު ކުޑަކޮށް، ދަނޑުވެރިކަމުގެ ސިނާޢަތުގައި، ނާލަށް ދާ ޚަރަދު ކުޑަކުރުމަށްވެސް، ފަހި ގޮތްތަކެއް ހަމަޖެއްސަވައިދެއްވުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ވަނީ، ހަނގުރާމައިގެ ހާލަތު ގާތުން ވިލަރެސްކުރައްވައި، ހަނގުރާމައިގެ އަސަރުކުރާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ޙާލަތު ބައްލަވަމުން، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޚާރިޖީ ޗެނަލްތަކުން ދޭދޭ ޤައުމުތަކާއި މުއައްސަސާތަކާއެކު މަޝްވަރާކޮށް، އިޤުތިޞާދީ ލޮޅުން ކުޑަކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު އަދި ކޮމިޓީގެ ޗެއަރ، މޫސާ ޒަމީރު ވިދާޅުވީ، ތެލާއި، ކާޑާއި، އަސާސީ މުދާ، ދަތިކަމެއް ނެތި ފޯރުކޮށްދެއްވުމަށް މަސައްކަތްތައް ކުރައްވަމުންގެންދަވާކަމުގައެވެ. އަދި މި ދަނޑިވަޅުގައިވެސް، ޚަރަދުތައް ރޭޝަނަލައިޒް ކުރައްވައި، ދަރަނިތައް އަދާކުރައްވައި، މިހާރު ޤައުމުގެ ދަރަނި ވަނީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓިފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


