މެމްބަރު ޝުޖާއު ތިން ރައީސުންނަށް: ޕީއެންސީ ޕީޖީ ގުރޫޕުގެ ތެރެއަށް ނުވަދެވޭނެ
22 މޭ 2026 - 17:54

ކުރީގެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ޕީއެންސީ ޕީޖީ ގުރޫޕުގެ ތެރެއަށް ނުވަދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އއ. ތޮއްޑޫއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ، ޕީއެންސީގެ ޕީޖީ ގުރޫޕު އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.

Ad by Hajj Corporation
ރައީސް މުޙައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އިޝާރާތްކުރައްވައި މެންބަރު ވިދާޅުވީ، ތިން ރައީސުންނަށްވެސް ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށާއި ޕީއެންސީގެ ބަދަހި ޕީޖީ ގުރޫޕުގެ ތެރެއަށް ނުވަދެވޭނެ ކަމަށެވެ.
މިސަރުކާރަށް އަންނަ ކޮންމެ ހަމަލާއެއް ދިފާއުކުރާނީ ޕީޖީ ގުރޫޕުން ކަމަށްވެސް މެންބަރ ޝުޖާއު ވިދާޅުވިއެވެ.
ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތްކުރެއްވުމަށް ނިންމެވި ނިންމެވުމަށް މެންބަރު ޝުޖާއު ވަނީ ފާޑުވިދާޅުވެފައެވެ.
ތިން ރައީސުން މަޝްވަރާކުރައްވައި އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި އެއްބަސްވުމަކަށް ވަޑައިގަތީ މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަދި މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ގައުމުގެ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޑިމޮކްރަސީގެ ހަމަތައް ފޮހެވުމުންދާތީ ގައުމު އަލުން ހަމަމަގަށް އެޅުން ކަމަށް ތިން ރައީސުން ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރޭ ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


