ޑޭންގެ ރަސްމީ ބަޔާން: އެދުނީ ތަމްރީނާއި ޚާއްޞަ އާލާތް ނެތި ހޮހޮޅައަށް ނުވަނުމަށް!
22 މޭ 2026 - 18:50

ވ. އަތޮޅު ދެކުނު ކަނޑު (ތިންވަނަ ކަނޑު) ހޮހޮޅައިގެ ތެރޭގައި އިޓަލީ ފަސް ޑައިވަރުން މަރުވި ހާދިސާގެ ވަގުތީ ހޯދުންތަކާއި ފާހަގަކުރެވުނު ކަންކަމުގެ ބައެއް ތަފްސީލްތުތައް ހިމެނޭ ރަސްމީ ބަޔާނެއް، ދިވެހިރާއްޖޭގެ އިދާރާތަކާ ގުޅިގެން ޑޭން ޔޫރަޕުން ނެރެފިއެވެ.
ކަނޑު އަޑީގެ ހޮހަޅަގެ ތެރެއަށް ގެއްލިގެން ހޯދަމުން ދިޔަ އިޓަލީގެ ހަތަރު ޑައިވަރުން ހޯދައި ނެގުމަށް ކުރިއަށް ގެންދިޔަ ބައިނަލްއަޤްވާމީ ސާރޗް އެންޑް ރިކަވަރީ ޑައިވަރުންގެ ޓީމުގެ މަސައްކަތް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ އިރު، ޑައިވާރސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ވަނީ މިކަމާ ގުޅޭ ރަސްމީ ބަޔާން މިރޭ އާންމުކޮށްފައެވެ.

Ad by Hajj Corporation
މިޝަން ކުރު ގޮތަކަށް:
މި އިންޓަރނޭޝަނަލް ސަރޗް އެންޑް ރިކަވަރީ މިޝަންއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އާއި މޯލްޑިވްސް ޕޮލިސް ސަރވިސް، ޑައިވާރސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕް، ނަކައި ރިސޯޓް އަލިމަތާ، ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް، ފޯރސައިޓް ސަރވޭޔާރސް ޕްރައިވެޓް ލިމިޓެޑް، ފިންލެންޑުގެ ޓެކްނިކަލް ޑައިވިންގ ޓީމް އަދި އިޓަލީގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގުޅިގެން ކުރިއަށް ގެންދިޔަ މިޝަނެކެވެ. އޮޕަރޭޝަންގެ ފުރަތަމަ ދުވަހު ސާޗް އެންޑް ރިކަވަރީ ޑައިވް ޓީމުން ވަނީ ހޮހަޅައިގެ ނިޒާމް އިންސްޕެކްޓް ކުރުމާއި ގެއްލިފައިވާ ޑައިވަރުން ލޮކޭޓުކުރުމުގެ މަސައްކަތް ކޮށްފައެވެ. އޮޕަރޭޝަންގެ ދެވަނަ އަދި ތިންވަނަ ދުވަހު ސާޗް އެންޑް ރިކަވަރީ ޑައިވް ޓީމުން ވަނީ ހޮހަޅައިގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

ފުރަތަމަ ދުވަހު ހޮހޮޅައިގެ ތެރެ ބަލައި ގެއްލިފައިވާ ޑައިވަރުން ހޯދިއިރު، ދެވަނަ އަދި ތިންވަނަ ދުވަހު ހަށިގަނޑުތައް ނެގީ ވަރަށް ދަތި ހާލަތްތަކެއްގައި ކަމާއި ހަތަރުވަނަ ދުވަހު ހޮހޮޅައިގެ ތެރެއިން ކަމާއި ގުޅުންހުރި އެހެނިހެން ސާމާނު ނަގައި ކަމާ ބެހޭ އިދާރާތަކާ ހަވާލުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ހޮހޮޅައިގެ ވެށި:
ހޮހޮޅައިގެ ވެށި އޮތްގޮތް ސިފަކޮށް ބަޔާނުގައި ބުނެފައިވާ ގޮތުގައި ހޮހޮޅައިގެ ތެރެއަށް ވަންނައިރު ފުރަތަމަ އޮންނަނީ ބޮޑު ޗެމްބަރެކެވެ. އެ ތަނާ ގުޅިފައިވާ ޓަނަލެއްވާ ކަމަށާއި ޓަނަލް ގޮސް ނިމެނީ ބޮޑު ދެވަނަ ޗެމްބަރަކަށް ކަމަށް ބަޔާނުގައިވެއެވެ. ދެވަނަ ޗެމްބަރުގައި ޤުދުރަތީ އެއްވެސް އަލިކަމެއް ނެތް އިރު، ޗެމްބަރުގެ ބިންގަނޑުގައިވާ ވެލި ހިލިއްޖެ ނަމަ ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަރަށް ބޮޑަށް ދަށްވެއެވެ.

ސާޗް އެންޑް ރެސްކިޔު މިޝަންގެ މުހިންމު ހޯދުންތައް:
ޑޭންގެ ބަޔާނުގައި ވަނީ ސާޗް އެންޑް ރެސްކިޔު މިޝަންގެ މުހިންމު ހޯދުންތައްވެސް ހިއްސާކޮށްފައެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ހޯދުމަކީ، ދެވަނަ ޗެމްބަރުގެ ތެރެއިން ވަންނަ ޓަނަލް ކައިރިން އެއް ފަރާތުގައި ހުރި އެހެން ޓަނަލްއެކެވެ. އެ ޓަނާ ގުޅިފައިވަނީ ކުރިއަށް ގޮސް ނުކުމެވޭނެ އެއްވެސް ދޮރެއް ނެތް ތިންވަނަ ޗެމްބަރަކަށެވެ. ހަތަރު ޑައިވަރުން ފެނުނީ އެ ޓަނަލުގެ ތެރެއިން، އެއް ސަރަހައްދަކުންނެވެ.
ހާދިސާ ހިނގި ކަމަށް މިވަގުތަށް ބެލެވޭ ގޮތް:
މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުގެ އަލީގައި، ޑައިވަރުންނަށް ނުކުންނަން އޮތް މަގު ނުފެނުނީ ހޮހޮޅައިގެ ތެރޭގައި މަގު އޮޅިގެން ކަމަށް ބެލެވޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ހާދިސާ ހިނގި ސީދާ ސަބަބާއި ޒިންމާވާންޖެހޭ ފަރާތްތައް ކަނޑައެޅުމުން ޑައިވަރުންގެ ޓީމުން ވަނީ ބަރީއަވެފައެވެ. އެކަން ދޫކޮށްލާފައިވަނީ ތަހުގީގީ އިދާރާތަކަށެވެ. ތަހުގީގު ކުރިއަށްދާ ހާދިސާއަކަށްވެފައި މިހާތަނަށް ތަހުގީގަކުން ގޮތް ކަނޑައަޅާފައި ނުވާތީ، ޔަގީންނުވާ ވާހަކައާއި ލަފާކުރުންތައް ފެތުރުމުން ދުރުހެލިވުމަށް މީޑިއާ އަދި ޢާންމުންނަށް ޑޭން ޔޫރަޕުން ވަނީ އިލްތިމާސްކޮށްފައެވެ.

ޚާއްސަ އެޑްވައިޒަރީ:
ޑޭންގެ ބަޔާނުގައި ވަނީ ކޭވް ޑައިވިންގއަށް ޙާއްސަ ތަމްރީނާއި ހުއްދަ އަދި އެކަށީގެންވާ ޓެކްނިކަލް އާލާތްތައް ނެތި ކަނޑުއަޑީގެ އެ ހޮހޮޅައަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ. ޑޭންގެ ބަޔާން ނިންމާލާފައިވަނީ މި ހާދިސާގައި ފުރާނަ ގެއްލުނު ހަ މީހުން، އިޓަލީގެ ފަސް ޑައިވަރުންނާއި ރިކަވަރީ އޮޕަރޭޝަންގައި ނިޔާވި ދިވެހި ސިފައިންގެ އޮފިސަރުގެ ޒިކުރާ ވަނީ އާކުރަމުންނެވެ.


