ލޯންޗު ދިޔަވުމުގެ ހާދިސާގައި ދަސްވެނިން ދެއްކީ ތަމްރީންވެފައިވާ ގޮތަށް ސާބިތުކަން: ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން
23 މޭ 2026 - 13:02

ލޯންޗު ދިޔަވުމުގެ ހާދިސާގައި ދަސްވެނިން ދެއްކީ ތަމްރީންވެފައިވާ ގޮތަށް ސާބިތުކަން ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވަނީ ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ތަޙުނިޔާ ދަންނަވާފައެވެ. 4 މަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގެ ތެރެއިން ސެޓްފިކެޓް ލެވެލް 3އާ ހަމައަށް 6 ކޯހެއް ކުރިއަށް ގެންގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން ދަސްވެނިވެގެން ދިޔައިރު މި ދަރިވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވުމަކީ ޕްރޮގްރާމު ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަމާޒުކޮށް ގެންދެވޭކަން ދައްކުވައިދޭކަމެއް ކަމަށެވެ.
މިޕްރޮގްރާމު ފުރިހަމަ ކުރާ ދަރިވަރުން ބޭނުންވާ ދައިރާއަކުން ވަޒީފާ ހޯދައިދިނުމަށްވެސް މަސައްކަތް ކުރެވޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގެ ކާމިޔާބީ އަކީ ބެލެނިވެރިން ކުރައްވާ އިތުބާރު ކަމަށެވެ. އަދި ދަރިވަރުން އަނބުރާ ދިއުމުން މިޕްރޮގްރާމުގެ ކާމިޔާބީ ވަޒަން ކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިއީ މުސްތަޤުބަލަށް ފަންނުވެރި ޒިންމާދާރު ޒުވާނުން ބިނާ ކުރާ ޕްރޮގްރާމެއް ކަމަށް ވަޒީރު ހަސަން ރަޝީދު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަނިންމަވާލެއްވުމުގެ ކުރިން ޕްރޮގްރާމު ކާމިޔާބީގެ މިސާލެއްގެ ގޮތުގައި ދާދި ފަހުން މިޕްރޮގްރާމުގެ ތަމްރީނު މާފިލާފުށީގައި ފުރިހަމަކޮށް އަނބުރާ ދިޔަ އަންހެން ދަރިވަރުން ދަތުރުކުރި ލޯންޗު ދިޔަވުމުގެ ހާދިސާ ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެ ދަރިވަރުން ތިބީ ސާތިބުކަމާއެކު ކަމަށާއި ބިރުނުގަނެ ހާސްނުވެ ދަރިވަރުން ތަމްރީނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި އެހީ އައުމާއި ހަމައަށް އެކުގައި މަސައްކަތް ކުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ހަސަން ރަޝީދު ވަނީ މިޕްރޮގްރާމު ކުރިއަށް ގެންދެވެނީ ބެލެނިވެރިން ކުރައްވާ އިތުބާރުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މި ޕްރޮގްރާމް ފަށާފައިވަނީ ދިވެހި ދަރީންނަށް ރަނގަޅު ކުރިމަގެއް ހޯދައި ދިނުމަށް ކަމަށް ވިދާޅުވިއެވެ.


