logo
Bank of Maldives

Bank of Maldives

ޚަބަރު

އަންދާޒާ ކުރިވަރަށް ވުރެ ފާއިތުވި އަހަރުގެ ބަޖެޓުގެ ޚަރަދު 5 ބިލިއަން ރުފިޔާ ދަށް

އަންދާޒާ ކުރިވަރަށް ވުރެ ފާއިތުވި އަހަރުގެ ބަޖެޓުގެ ޚަރަދު 5 ބިލިއަން ރުފިޔާ ދަށް

ނިމިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޚަރަދުކުރި މިންވަރު އަންދާޒާކުރި ވަރަށް ވުރެ 5 ބިލިއަން ރުފިޔާ މަދުވެއްޖެއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ޝާއިއުކޮށްފައިވާ "ބަޖެޓު ނަތީޖާ ބަޔާން 2025" ގައިވާ ގޮތުން 2025 ވަނަ އަހަރު ދައުލަތުން ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި ކުރިން ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޚަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފިނޭންސް މިނިސްޓްރީން ބުނީ ޚަރަދުތައް މިހާ ބޮޑަށް ކުޑަކުރެވުނީ ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތަކާއި، ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ހިންގުމަށް ގެނައި ބަދަލުތަކުގެ އިތުރުން، ހިނގަމުންދާ ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ޚަރަދުތައް މެނޭޖުކޮށްފައިވަނީ އިސްރާފު ކުޑަކޮށް، ޚަރަދުތައް ކުޑަކުރުމުގެ ހަރުދަނާ އޮނިގަނޑެއްގެ ދަށުން ކަމަށެވެ.

ޚަރަދުތައް ކުޑަވުމާ ގުޅިގެން ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ވެސް ވަނީ އަންދާޒާކުރި ވަރަށް ވުރެ ބޮޑުތަނުން ކުޑަވެފައެވެ. 2025 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދު ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. މިއީ ލަފާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީ.ޑީ.ޕީ) ބަލާއިރު، ޑެފިސިޓް ވަނީ 3.6 އިންސައްތައަށް ދަށްވެފައެވެ. މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ޑެފިސިޓް މިހާ ދަށްވި ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރުތަކުގެ ޑެފިސިޓަށް ބަލާއިރު، 2024 ގައި 9.9 އިންސައްތަ، 2023 ގައި 10.5 އިންސައްތަ، 2022 ގައި 8.4 އިންސައްތަ، 2021 ގައި 10.0 އިންސައްތަ އަދި 2020 ގައި 16.6 އިންސައްތަ ހުއްޓެވެ.

މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ޚަރަދުތައް ކުޑަކުރި ނަމަވެސް އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ސަބްސިޑީތަކަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ. ސަރުކާރުން އިސްކަންދިނީ ކަރަންޓާއި، ފެނާއި ނަރުދަމާ ފަދަ މުހިންމު ޚިދުމަތްތަކުގެ ޚަރަދު ބޮޑުވިޔަނުދީ، އެ ޚިދުމަތްތަކުގެ ހިންގުން ހަރުދަނާކުރުމަށެވެ.

މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 14.0 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރި ނަމަވެސް، ހޭދަވީ 12.5 ބިލިއަން ރުފިޔާއެވެ. އަދި ދަރަނީގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހުނު އަދަދު ވެސް ވަނީ 5.6 ބިލިއަން ރުފިޔާއިން 4.8 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ދައުލަތުގެ ޚަރަދުތައް ބަލަހައްޓާފައިވާ ހަމައެކަނި އަހަރެވެ.

2025 ވަނަ އަހަރު ދަރަނި އަދާކުރުމަށް ދައުލަތުން 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ދަރަނީގެ ޕްރިންސިޕަލްގެ ގޮތުގައި ދެއްކި 5.3 ބިލިއަން ރުފިޔާއާއި އިންޓްރެސްޓްގެ ގޮތުގައި ދެއްކި 4.8 ބިލިއަން ރުފިޔާއެވެ. އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 129.8 އިންސައްތައެވެ.

މާލީ ވުޒާރާއިން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ ބަޖެޓް ތަންފީޒުކޮށްފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމަށާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އިސްކަންދީގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންދާޒާ ކުރިވަރަށް ވުރެ ފާއިތުވި އަހަރުގެ ބަޖެޓުގެ ޚަރަދު 5 ބިލިއަން ރުފިޔާ ދަށްޚަބަރު | 3 ގަޑިއިރު ކުރިން