ފުލުހުންގެ އިންޓެލިޖެންސްގެ ނަން "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" އަށް ބަދަލުކުރުން ގޯސް: ކުރީގެ ސީޕީ ހަމީދު
3 ޖޫން 2026 - 05:09

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ޚިދުމަތުގެ ނަން "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" (އެން.އައި.އެސް) އަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމަކީ ނުބައި ފިޔަވަޅެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ކުރެއްވި ސީޕީ ހަމީދުގެ ބްލޮގުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާގައި ވަރުގަދަ އިންޓެލިޖެންސް ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ނަމަވެސް، އެ ނިޒާމަށް "ގައުމީ" ނަމެއް ދިނުމަކީ ބޮޑު ތަފާތެއް އޮތް ކަމެއް ކަމަށެވެ. ސަލާމަތީ ދާއިރާގައި ނަމަކީ ބާރާއި، އިޚްތިޞާޞާއި، ނުފޫޒު ރަމްޒުކޮށްދޭ އެއްޗެއްކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ، މި ބަދަލުގެ ސަބަބުން ފުލުހުންނަކީ ދައުލަތުގެ މަރުކަޒީ އިންޓެލިޖެންސް އިދާރާގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރާ ކަމުގެ ތަޞައްވުރެއް އުފެދޭނެ ކަމަށެވެ.

Ad by Hajj Corporation
ހަމީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި "ގައުމީ އިންޓެލިޖެންސްގެ ގާނޫނެއް" ނެތް އިރު، ފުލުހުންގެ އެތެރޭގެ އޮނިގަނޑަށް ގެންނަ ބަދަލަކުން މިފަދަ ނަމެއް ބޭނުންކުރުމަކީ ގާނޫނީ ބިންގަލެއް ނެތް ކަމެކެވެ. މީގެ ސަބަބުން ރާއްޖޭގެ ސަލާމަތީ މުއައްސަސާތަކުގެ މެދުގައި އޮޅުންބޮޅުން އުފެދި، ބޭރުގެ ފަރާތްތަކުގެ މެދުގައި ސުވާލު އުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޓެލިޖެންސް އަކީ އެންމެ މުއައްސަސާއެއްގެ މަސައްކަތެއް ނޫން. އެމް.އެން.ޑީ.އެފް، ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ އިދާރާތަކުގައި ވެސް ގާނޫނީ ޒިންމާތަކެއް އެބައޮތް،" ހަމީދު ލިޔުއްވާފައިވެއެވެ. އޭނާ ވިދާޅުވީ މިވަގުތު ބޭނުންވަނީ އެންމެ މުއައްސަސާއަކުން ގައުމީ ފެންވަރުގެ ނަމެއް ހޯދުމުގެ ބަދަލުގައި، ހުރިހާ އިދާރާތަކެއް ވިލަރެސްކުރާނެ ހަރުދަނާ ގައުމީ އޮނިގަނޑެއް ކަމަށެވެ.
މި ނަން ބަދަލުކުރުމަކީ ސަލާމަތީ ބާރުތަކުގެ މެދުގައި ނުތަނަވަސްކަން އުފެދިދާނެ ކަމެއްގެ ގޮތުގައި ހަމީދު ސިފަކުރެއްވިއެވެ. އަދި އިންޓެލިޖެންސްގެ ދާއިރާގައި އިތުބާރު އުފެދެނީ ބޮޑު ނަމަކުން ނޫން ކަމަށާއި، އެއީ މަސައްކަތުގެ ފަންނީ ފެންވަރާއި ގާނޫނީ އިމުގެ ތެރެއިން ކުރާ މަސައްކަތުން ލިބޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ބޮޑު ބަދަލެއް ގެންނަންވާނީ މިނިސްޓްރީ އޮފް ޑިފެންސް، އެމް.އެން.ޑީ.އެފް، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާ މަޝްވަރާކުރުމަށްފަހު ކަމަށް ހަމީދު ލަފާދެއްވިއެވެ. އޭނާގެ ބްލޮގް ނިންމާލަމުން ވިދާޅުވީ، ގައުމީ އިންޓެލިޖެންސަކީ މުޅި ގައުމީ ނިޒާމުގެ ބަޔަކަށް ވާތީ، އެއީ ހަމައެކަނި އެއް މުއައްސަސާއެއްގެ ނަން ބަދަލުކޮށްލުމުން ނިމޭނެ ކަމެއް ނޫން ކަމަށެވެ.


