ހަލީލް، ނަޝީދަށް: ޕީއެންސީއަކީ އެމްޑީޕި ގޮތަށް އޮޅުންބޮޅުން އަރާފަ އޮތް ކަންވާރު ބޮޅެކޭ ހީނުކުރައްވާތި!
19 ޖޫން 2026 - 06:05
.webp&w=3840&q=75)
ޕީއެންސީގެ އަމާޒު ވަރަށް ސާފު ކަމަށާއި ޕާޓީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ދިވެހި ގައުމާއި ރައްޔިތުންނާ އެކުގައި ކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲހަލީލް، ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ގެންދަވަނީ، ޕީއެންސީގެ މެންބަރުންގެ އިތުބާރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުއަށް ގެއްލިފައިވާ ކަމަށާއި އެ ޕާޓީ ރޫޅެނީ ކަމަށް ވިދާޅުވަމުންނެވެ. އަދި މިއީ ޕީއެންސީގެ ރައީސްކަމުން ރައީސް މުއިއްޒު ދުރުކުރަންވީ ވަގުތު ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

Ad by Hajj Corporation
ނަޝީދުގެ އެ ވާހަތަކާ ގުޅުވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ އެއީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ. ވިދާޅުވީ ޕީއެއްސީ ދުވަހެއް ދުވަހަކަށް ދާނީ ވަރުގަދަ ވަމުން ކަމަށެވެ.
އިންޝާﷲ! މިއީ ދިވެހި ގައުމު އިސްކުރާ ޕާޓީ! މިއީ ދިވެހި ރައްޔިތުން އިސްކުރާ ޕާޓީ! މިއީ ދިވެހި ގައުމުގެ ކަނޑާ ބިން އިސްކުރާ ޕާޓީ! މިއީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު އިސްކުރާ ޕާޓީ! : ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ޕީއެންސީ އަކީ ގައުމުގެ އިގްތިސާދު ސިންދަފާތުކޮށް ކުރިއަރުވައި ގައުމު ޖައްސާފަ އޮތް ދަރަނީގެ ދަންތުރައިން ސަލާމަތްކުރުމަށް މަސައްކަތްކުރާ ޕާޓީ ކަމަށާއި އަދި އެއީ މާއްދީ އަދި މަޢުނަވީ ތަރައްގީ ގައުމަށް ގެނައުމުގެ ވިސްނުން ވެސް އިސްކުރާ ޕާޓީ ކަމަށެވެ.
ޕީއެންސީއަކީ އެމްޑީޕި ގޮތަށް އޮޅުންބޮޅުން އަރާފަ އޮތް ކަންވާރު ބޮޅެކޭ ހީނުކުރައްވާތި: ހަލީލް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ޕީއެންސީގެ އަމާޒު ވަރަށް ސާފު ކަމަށާއި ސިޔާސަތުތައް ވެސް އެހާ ސާފު ކަމަށެވެ. ވިދާޅުވީ ޕާޓީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ދިވެހި ގައުމާއި ރައްޔިތުންނާ އެކުގައި ކަމަށެވެ.


